ހާލުގައި ޖެހުނު ފަތުރުވެރިންތަކަކަށް ސަރުކާރުން އެހީ ވަނީ
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އިނގެރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރ ކުންފުންޏެއް ކަމަށްވާ، ތޯމަސް ކުކް ގްރޫޕް ބަނގުރޫޓުވުމާ ގުޅިގެން، އެކުންފުނި މެދުވެރިކޮށް ރާއްޖެ އައި ފަތުރުވެރިންނަށް އެހީވުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެގޮތުން އެމީހުންނަށް އެހީވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ހެލްޕު ޑެސްކެއް ގާއިމުކޮށްފައެވެ. ވީއައިއޭގެ ޑިޕާޗާ ގޭޓު ކައިރީގައި އެ ހެލްޕު ޑެސްކުގެ ހޮޓްލައިން އަކީ، 7223131 އަދި 9423131އެވެ.
ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތޯމަސް ކުކް ކުންފުނީގެ ހަވާލުގައި ރާއްޖެ އައި ފަތުރުވެރިންގެ ކަންކަން އެ މިނިސްޓްރީއާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެކުންފުނީގެ ހަވާލުގައި އައި ފަތުރުވެރިންނަށް އެނބުރި ގައުމަށް ދިޔުމުގައި ވާންޖެހޭ ހުރިހާ އެހީއެއް ވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން ހާލުގައި ޖެހުނު ފަތުރުވެރިންގެ ކެއިންބުއިމާއި، އެކޮމޮޑޭޝަންގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ތޯމަސް ކުކް ކުންފުނި، ބަނގުރޫޓުވެ، ހިދުމަތް ހުއްޓާލި ވާހަކަ އެހީ ހިތާމައާއެކީގައި ކަމަށާއި، އެކަމުން އަސަރު ކުރި ހުރިހާ ފަތުރުވެރިންނަށް އެހީވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް