މަސްތުވާތަކެތީގެ މައްސަލައެއްގައި ތިންވަނަ ފަހަރަށް ދެމައިން ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެމައިން ތިންވަނަ ފަަހަރަށް ހައްޔަރުކޮށްފިއެވެ.
ތިންކިލޯގެ މަސްތުވާތަކެއްޗާއި އެކު މަންމައާއި ފިރިހެން ދަރިފުުޅު މީގެ ދެފަހަރުވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އެ ދެ ފަރާތް ދޫކޮށްލައެވެ. ކޮންމެ ފަހަރަކުވެސް އެ ދެފަރާތް ދޫކޮށްލަނީ އިޖުރާއަތްތައް ފުރިހަމަވެފައި ނުވާ ކަމަށް ބުނެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތުދޭގޮތުގައި ތިންވަނަ ފަހަރަށް އެ ދެ ފަރާތް ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ދެ ފަރާތް ހައްޔަރުކުރީ ހުޅުމާލޭ ކޯޓުގެ އަމުރަކާއި އެކުގައެވެ.
އެ ދެމީހުން އެެންމެ ފުރަތަމަ ހައްޔަރު ކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:10 އެވެ.
އެއަށްފަހު ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުން ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެެރެފައިވާ ކޯޓް އަމުރުގެ އެއް ސޮފްހާ ފިޔަވައި އެހެން ސޮފުހާތަކުގައި ގާޒީގެ ސޮއި ނެތުމުން، އެމީހުން ހައްޔަރުކޮށްފައި ވަނީ ނުބައި އިޖުރާއަތެއްގެ މަތިން ކަމަށް ވަނީ ކޯޓުން ބުނެފައެވެ. އަދި އެހެންކަމުން އެ ދެފަރާތް ވަނީ ދޫކޮށްލާާފައެވެ.
އެ ދެމީހުން ދެވަނަ ފަހަރަށް ހައްޔަރު ކުރީ ދެމީހުން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ ގެއިން ރޭ ދަންވަރު 3:17 އެހާކަންހާއިރު ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
މިފަަހަރުވެސް އެ ދެމީހުން ދޫކޮށްލީ އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށް ބުނެއެވެ. ނަމަވެސް މިފަހަރު އެފަރާތްތައް ދޫކޮށްލީ ހުޅުމާލޭ ކޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް