ސަލަފާއި މެދު ފިޔަވަޅު އެޅުމަށް ކޮމެޓީގެ ރިޕޯޓްގައި ހިމަނައިފި
ޖަމްއިއްޔަތުލް ސަލަފާއި މެދު ފިޔަވަޅު އެޅުމަށް ފެންނަކަމަށް ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި ރިޕޯޓްގައިވާ ގޮތުގައި ޑރ.އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ހިންގާފައިވާ އެކި ކަންކަމުގައި ޝާމިލްވާ ހައްދު ފަހަނައަޅާފައިވާ ފިކުރުތަކުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އަދި ދިވެހިރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރުވާ ހިންގަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ވާކަން މަރުތަކާއި ބެހޭ ރިޕޯޓްގައި ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ.
ނަމަވެސް އެ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ އަދަދާއި އެ ޖަމާއަތްތަކުގައިވާ ސެލްތަކުގެ މީހުންގެ އަދަދުތައް ރިޕޯޓްގައި ހިމަނާފައިނުވާކަން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ ބުނެފައެވެ.
މި ރިޕޯޓްގައި ވަނީ 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ސަލަފް ޖަމްއިއްޔާގެ ޚަރަދު ހިނގާފައިވާ ގޮތުގައި އަހަރީ ހިސާބުތައް އެނގޭނެ ރިޕޯޓެއް ސަރުކާާރުގެ ކަމާއިބެހޭ އިދާާރާއިން އެ ކޮމެޓީއަށް ހުށައެޅުމަށް އެދިފައެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަރުކަށި ފިކުރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފެންނަކަމަށް ވަނީ ބުނެފައެވެ.
ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ހިމަނާފައިވާ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކާއި ޖަމްއިއްޔާތަކަކީ ޖަމްއިއްޔަތުލް ސަލަފް، މިހާރު އެކި ބައިތަކަށް ބެހިފައިވާ ރާއްޖޭގައި ހިންގާ އަލްގައިދާގެ ޖަމާއަތް، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ޖަމާއަތް އަދި ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް