ފުށިދިއްގަރުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
ކ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ސަރުކާރުން ހިލާފުވެފައިވާ ކަމަށްބުނެ، ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި އެއްބަސްވުމަކީ، ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްގީ ކުރުމާ ގުޅޭގޮތުން ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ފިނޭންސް މިނިސްޓްރީއާ ދެމެދު، 18 ޖަނަވަރީ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމެކެވެ. އެމައްސަލަ ބިޓްރޭޝަނަށް ހުށަހެޅީ، ސަރުކާރުން މިއެއްބަސްވުމާއި ހިލާފުވި ކަމަށް ބުނެއެވެ.
އެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނި ގޮތުގައި، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން އެ އޮފީހަށް ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެ މައްސަލައަކީ، ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ، އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާ ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.
މީގެ އިތުރުން އެ އޮފީހުން ބުނީ، އެ މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އާބިޓްރޭޝަނަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް