މާލޭ މީހުންނަށް ގެދޮރު ހޯދައިދޭ މަޝްރޫއެއް ފައްޓަނީ
ރޭ މާލޭގައި ބޭވުނު އެމް.ޑީ.ޕީ ކެމްޕެއިން ޖަލްސާގައި މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމަށް ހައްސަ މަޝްރޫއުއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓް އީވާ އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެއަށް ކުރިމަތި ލައްވަވާ އެމް.ޑީ.ޕީ މި ދެކެނޑިޑޭޓުންގެ ޖަލްސާގައި މިކަމާއި ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ރައީސް ނުދެއްވަވައެވެ.
މާލޭ މީހުންނަށް ގެދޮރު ހޯދައި ދިނުމުގެ މި މަޝްރޫއުގެ ވާހަކަ ރައީސް އިއުލާން ކުރެއްވެވި އިރު ރައީސް ޔާމީނުގެ ސަރުކާރުން ހުޅުމާލޭގައި ހަދަން ފަށާފައިވާ އެއް ރޫމް ދެ ރޫމް ގެ އެޕާޓުމެންޓުތަށް ތިން ރޫމްގެ ތަންތަނަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމަވާފައިއެވެ.
މި ބަދަލާއި އެކު އެ އެޕާޓުމަންޓް ތަކުގެ އަގު ބޮޑު ވެގެން ދާނެއެވެ. މި އެޕާޓުމަންޓް ތަކަކީ އަލަތު ކައިވެނި ކޮށްގެން ތިބި ޒުވާނުންނާއި ދަރިން ތިބި މީހުންނަށް ވަކިން އުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެއް ރޫމް އާއި ދެ ރޫމް އަށް ހަދަން ފެށި ތަންތަނެވެ.
އާސަރުކާރު ވެރިކަމަށް އައުމަށް ފަހު މިތަން ތަން ތިން ރޫމުގެ ތަންތަނަށް ބަދަލު ކުރަމުން ވިދާޅުވީ ވަކިން އުޅުމަކީ ދިވެހިންގެ ސަގާފީ ކަމެއް ނޫންކަމަށެވެ. ދިވެހިން އުޅެން ބޭނުން ވަނީ އާއިލާ އާއި އެކު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް