މަގޭ ބިޓުގެ މަންޒަރެއްގައި ފުބޫ އަދި ޝަރަފް
މަގޭ ބިޓުގެ މަންޒަރެއްގައި ފުބޫ އަދި ޝަރަފް
ލައިފްސްޓައިލް 17 Sep 2026 | 06:22

ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ޑާކްރެއިން އެންޓަޓެއިންމަންޓާއި ޓްރޮޕިކަލް ރެއިން ގުޅިގެން ގެނެސްދޭ ކާމިޔާބު ދިވެހި ފިލްމު "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ޝޯތައް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިނުން މަޢުލޫމާތު ދޭ ގޮތުގައި މިރެއިން ފެށިގެން ކުރިއަށް އޮތް ތިން ރެއަކީ މި ފިލްމުގެ ވަދާޢީ ޝޯތައް ދެއްކުމަށް ޚާއްޞަކޮށްފައިވާ ތިން ރެއެވެ.

އެގޮތުން މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުގެ ރޭ ދެއްކުމަށް ހަމަޖެހިފައިވާ މި ޝޯތަކުގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. ކުރިއަށް އޮތީ ހަފްތާ ބަންދު ކަމަށްވާތީ، ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ޓިކެޓް ހޯދުމަށް ގުޅަމުންދާ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ. ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ފިލްމުގެ ޕޯސްޓަރެއް

މި މަހުގެ ދެވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކުރި "މަގޭ ބިޓުގެ ވެޑިން" އަކީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމެކެވެ. މިއީ ޒުވާން ގުރޫޕެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކާއި، ދިރިއުޅުމުގައި ދިމާވާ މަޖާ އަދި ޝައުޤުވެރި އެތައް ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ޝަރަފް ޢަބްދުﷲ އަދި ފާޠިމަތު ރާޔާ ޢަބްދުﷲ ފެނިގެންދާއިރު، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަޙްމަދު ސަޢީދުގެ އިތުރުން މަޤްބޫލު މަޖާ އެކްޓަރު ފުބޫ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

މުޙައްމަދު ޢަލީ (މޮގާ)، ޢާއިޝަތު ފުއާދު އަދި ކޭލީން މުޙައްމަދު ޢަލީ ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގެ ސިނެމަޓޯގްރަފީ ހަދާފައިވަނީ އަޙްމަދު ޒިފާފެވެ. އަދި ފިލްމުގެ އެޑިޓިންގގެ މުހިންމު މަސައްކަތް ކޮށްފައިވަނީ ފާހަގަކޮށްލެވޭ ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް