"އިމްރާނާއި ނަޝީދު، މަރުކޮމިޝަނަށް ހާޒިރުކުރަންޖެހޭ"
ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލައިގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަރުކޮމިޝަނަށް ހާޒިރުކުރަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމުގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ނުފޮނުވުނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި ފުރަތަމަވެސް ދައުވާކުރަން ޖެހޭ ފަރާތަކީ ނަޝީދެވެ.
''ނަޝީދަށްވުރެ ބޮޑަށް ޑރ. އަފްރޝީމުގެ މަރާބެހޭ ކަންތައްތައް އެނގޭ މީހަކު ހުރި ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ ޑރ. އަފްރާޝީމު އަވަހާރަކޮށްލިތަނާ ނަޝީދު ވިދާޅުވެފައި އޮންނާނެ އަފްރާޝީމު އަވަހާރަކޯށްލީ ރާއްޖެއިން ބޭރުން އައި ބައެކޭ. އެރޭ އެކަންކޮށްފައި އެމީހުން ފުރައިގެން ހިނގައްޖެޔޭ. ތިމަންނާއަށް އެމައުލޫމާތު ދިނީ ބޭރުގެ އިންޓަލް ބައެކޭ. މީނާއަށް އެމައުލޫމާތު ލިބުނު ގޮތެއް ބަލަންޖެހޭ. އެހެންވީމަ މަރުކޮމިޝަނަށް ހާޒިރުކުރާކަށް ކެނެރީގޭ މުހައްމަދު ނަޝީދަށްވުރެ މުހިންމު މީހަކު ނުހުންނާނެ.''' އަބްދުއްރަހީމު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމައްސަލައިގައި ނަޝީދު މަރުކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކުރަންޖެހޭ ކަމަށާއި އެމައްސަލަ ތަހުގީގުކޮށް، ނަޝީދުގެ މައްޗަށް ދައުވާވެސް ކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ، އަފްރާޝީމުގެ މަރުގެ މައްސަލައިގައި އިންސާފުވެރި ޝަރީއަތެއްކޮށްފިނަމަ، އެމްޑީޕީ އެކަމުން ނައްޓައިފައި ނުދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެފައިވާ ކަމަށެވެ.
''އިމްރާނު ވިދާޅުވެފައި އޮންނާނެ، އަފްރާޝީމުގެ މަރުގެ މައްސަލައިގައި އެމްޑީޕީއަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެޔޭ. އެހެންވީމަ އިމްރާނުވެސް މަރުކޮމިޝަނަށް ހާޒިރުކުރަން އެބަޖެހޭ. މިއޮއް އާޓިފިޝަލް ބީޗުގައި އަޅުގަންޑުވެސް ހުއްޓައި، ފަހާފޮއްޓެއްގެ ދަތްގަނޑު ތެޅޭހެން ތަޅުވަމުން ނޫންތޯކީ އެމްޑީޕީއަށޭ މިކަން އެނގޭނީ، ރައީސް ނަޝީދަށޭ މިކަން އެނގޭނީ. އަފްރާޝީމުގެ މަރުގެ ތުހުމަތު އެއަށްވުރެ ބޮޑަށް ކުރެވޭ އެހެން ބަޔަކު ނުހުންނާނެޔޭ.'' އަބްދުއްރަހީމު ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމު ވަނީ ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓު، މަރުކޮމިޝަނުން ނެރެ، ވަކި މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިދިން މައްސަލައިގައި ސަރުކާރަށް ބޮޑު ތުހުމަތެއްވެސް ކުރައްވައިފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު އައްޔަނުކުރަން ނިންމި ނިންމުމަކީ، އަފްރާޝީމުގެ މަރުގެ ރިޕޯޓު ނެރެދިނުމުން، އިނާމެއްގެ ގޮތުގައި ދިން މަގާމެއް ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.
ސުއޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރަން ހެޔޮނުވާވަރުގެ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް، އެންމެ ގިނަ، ބޭއަދަބީ ބަސްތައް ބޭނުންކުރި މީހަކީ ސުއޫދު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް