ސެކިއުރިޓީކުރަމުން މަސްތުވާތަކެތީގެ ވިޔަފާރިކުރި ގެއަކުން ފަސް މީހަކު ހައްޔަރުކޮށްފި
ސެކިއުރިޓީން ބައިތިއްބައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ގެއަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނުގެ ދަށުން އިއްޔެ ހަވީރު 4:19 ހާއިރު މ.ފެޝަންމީޑް ގެ ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މ. މ.ފެޝަންމީޑް ގެއަކީވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ގެއެއް ކަމަށެވެ.
އަދި މިގެއަކީ އެހެން ގެ ތަކާއި ހިލާފަށް ފުލުހުންނަށް ނުވަދެވޭގޮތަށް ދަގަނޑު ދޮރު ހަރުކޮށް، ދޮރު ކައިރީ ސެކިއުރިޓީ އަށް މީހަކު ބަހައްޓައިގެން ސެކިއުރިޓީ ބަލަހައްޓަމުންދާ ގެއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ތަފާތު ލިޔުންތައް ލިޔެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ފަސްމީހުންނަކީ ވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.
އަދި އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 11 ރަބަރު ޕަކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް