އަކްރަމު ފައިސާ ނުދީގެން އޭޑީކޭ ނާޝިދު ކޯޓަށް
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ދެކޮޅަށް، ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ފައިސާގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ނާޝިދު ހުށަހެޅުއްވި މައްސަލަ އަކީ، އަކްރަމް އޭނާގެ އަތުން ނެންގެވި 462،000ރ.ގެ ލޯނަކަށް ފައިސާ ނުދެއްކެވުމުން، އެ ފައިސާ ހޯދަން ހުށަހެޅުއްވި މައްސަލައެކެވެ. އަކްރަމް ނާޝިދު އަތުން އެފައިސާ ނެންގެވީ 2016 ވަނަ އަހަރުގައެވެ. އެއްބަސްވުމެއްގެ ދަށުން ދީފައިވާ އެ ލޯނު އަނބުރާ ދައްކަވާނެކަން ޔަގީން ކޮށްދެއްވުމަށް އަކްރަމް ވަނީ ނާޝިދަށް 80،000ރ.ގެ ހަ ޑޭޓެޑް ޗެކް ދީފައެވެ.
ނަމަވެސް އެ މައްސަލަ ނާޝިދު ކޯޓަށް ހުށަހެޅުއްވީ އޭގެ ތެރެއިން ތިން ޗެކް ބައުންސްވުމުންނެވެ. އަދި އަކްރަމްއަށް އެ ފައިސާ ދައްކަން ނާޝިދު ލިޔުމުން ވެސް އަންގަވާފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައި ނުވާތީ، ނާޝިދު ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ލޯނުގެ ފައިސާގެ އިތުރުން، ޖޫރިމަނާގެ ގޮތުގައި 49،280ރ. ނަގައިދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް