ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް މަސައްކަތް ނުކުރަންޏާ ސަރުކާރުން ފުރުސަތެއް ނޯންނާނެ!
ދިވެހިރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކާއި އެއްގޮތަށް މަސައްކަތް ނުކުރައްވާ އެއްވެސް ބޭފުޅަކަށް ސަރުކާރުން ފުރުސަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވިހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ސަރުކާރުގައި ތިބެންވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި އަމިއްލަ އެދުމަށް މަސައްކަތް ކުރުމުގެ ޖާގައެއް ނުދެއްވާނެ ކަމަށެވެ.
"ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ އެދުމާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުން ނުވާ މީހަކަށް މި ސަރުކާރަކު ޖާގައެއް ނޯންނާނެ." ރައީސް ސޯލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ވައްކަމަށް ޖާގަ ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ކުރަން އެއްވެސް މީހަކު ހިތުލައިގެން ހުރި ނަމަ ވަގުތުން ސަރުކާރާއި ދުރަށް ދާން ޖެހޭނެ ކަމަށް ވެސް ރައީސް ސޯލިޙް ވިދާޅުވިއެވެ.
"މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ. އެކަން ކުރަން ހިތުލައިގެން ހުންނެވި ބޭފުޅެއް ވެއްޖިއްޔާ މިވަގުތު ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން." ރައީސް ސޯލިޙް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް