އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާއްމުކުރަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް އާއްމުކުރަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ހާއްސަ އިސްކަމެއްދީގެން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، އެކި ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށެވެ.
މިގޮތުން އެޗްޑީސީން ވިޔަފާރީގެ އުސޫލުން ދޫކޮށްފައިހުރި ތަންތަން އަދި ތަރައްޤީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާހުރި ފަރާތްތަކުން މިއަދުން ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ ހަލާސްކޮށް ނިންމުމަށް އެދޭކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެފަރާތްތަކުގެ މައުލޫމާތާއި އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލްތައް އެޗްޑީސީގެ ވެބްސައިޓުގައި އާއްމުކުރާނޭކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ވޮއިސްއަށް މައުލޫމާތުި ލިބިފައިވާ ގޮތުގައި އެޗްޑީސީން ވިޔަފާރިކުރުމަށް ހުޅުމާލެއިން ދީފައިވާ ބިންތަކަށް ދައްކަންޖެހޭ ކުލީގެ ތެރެއިން ބޮޑު އަދަދެއް ނުލިބި އެބަހުއްޓެވެ. މީގެ އިތުރުން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކުންވެސް ކުލި ނުދައްކާ އެތައް ބަޔަކު އެބަތިބިކަމަށް ކަމާބެހޭ އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކުން އެނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް