ގާސިމުގެ މަރަށް ތިން ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރެވޭ: ޕޮލިސް
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލައިދީ މަރައިލި، އދ. މާމިގިލީ ކަނީރުމާގެ، ގާސިމު ހަސަން 59، މަރައިލިފަހުން މިއަދަށް ތިން ދުވަސްވީއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގާސިމްގެ މަރާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އެމައްސަލަ ބަލަމުންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ޓެކްސީ ދުއްވާ ގާސިމް، މިދިޔަ އަންގާރަ ދުވަހުގެރޭ މަރައިލާފައިވަނީ ހުޅުމާލެއަށް ކުރި ދަތުރެއްގައެވެ.
ގާސިމް އަށް ހަމަލާދިނުމުން ޒަހަމްތަކާއެކު މަގުމައްޗަށް ވެއްޓިފައި ވަނިކޮށް، އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ އެރޭ 21:22 ހާއިރުއެވެ. ގާސިމްއަށް ލިބުނު ޒަަހަމްތަކާއި ގުޅިގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ އެރޭ 21:51 ގައެވެ.
އެހާދިސާއާއި ގުޅީގެން ފުލުހުން އެރޭ ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއްވެސް ފަށައިފައެވެ. އެގޮތުން ވެހިކަލްތއް ވަލައި ފާސްކޮށްފައި ވެއެވެ. އަދި ގަސިމްގެ މަރާއި ގުޅިގެން އެއްވެސް ކަހަލަ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް