ޖަޕާނުގެ ސަފީރު މިނިސްޓަރ ޝިދާތާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްގެ އަރިހަށް ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި، ޖަޕާނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ ގައުމެއް ކަމަށާއި، ދިވެހިރާއްޖޭން ވެސް މި ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް އެކަށައަޅަމުން ދާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ޖަޒީރާވަންތަ ގައުމެއް ކަމުން، އިޖުތިމާޢީ ހިދުމަތްތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކަމަށް ރިއާޔަތްކުރަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓު އިތުރަށް ފުޅާވެފައިވާތީ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖަޕާނުގެ ސަފީރުގެ ވާހަކަފުޅުގައި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކައި ގުޅޭ ގޮތުން ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް