ކިތައް ގޮނޑިތޯ އެނގޭނީ ރައްޔިތުން ނިންމީމަ: ގާސިމް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީއަށް ލިބޭނީ ކިތައް ގޮނޑިތޯ އެނގޭނީ ރައްޔިތުން ނިންމުމުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އދ.ދަނގެތީގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އިދިކޮަޅަށް ލިބޭނީ ހަ ގޮނޑިކަމަށް ބުނެފައިވަނިކޮށެވެ.
ގާސިމް ވިދާޅުވީ ހަ ގޮނޑި ލިބޭނީ އެމްޑީޕީއަށް ކަމަށާއި ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ލިބޭނީ ކިތައް ގޮނޑިތޯ އެނގޭނީ ރައްޔިތުން ނިންމީމަ ކަމަށެވެ. އަދި ރައްޔިތުން ނިންމާ ނިންމުން ރުހުނަސް ނުރުހުނަށް ޖެހޭނީ ގަބޫލުކުރަންކަމަށް ގާސިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ގާސިމް ވަނީ މަޖިލީހަށް މިލިއަނަރުން އިންތިޚާބު ކުރަން ޖެހެނީ އެބޭފުޅުން ރިޝްވަތަށް ނުހެއްލޭނީ އޭރުން ކަމަށް ވާތީ ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ގާސިމް ވަނީ "އަމިއްލައަށް ކައިގެން ބޮއެގެން ނޫޅެވޭ ފެންވަރުގެ މީހުން" މަޖިލީހަށް ހޮވުމުން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
"އެ މީހަކު އަމިއްލަ އަށް ކައިގެން ބޮއެގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހަށް ކުރިމަތިލައިގެން ހޮވުނީމަ ކިހިނެއްތޯ ވާނީ؟،" ޖޭޕީގެ ފަރާތުން ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކާނަލް ނާޒިމްގެ ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް