ނޫމަޑިއަށް ބޮޑު ބަދަލެއް ދޭންޖެހުނީ އަޅުގަނޑުގެ ބަޔާނަކުން ނޫން: މުއިއްޒު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން ދައުލަތުން އެކުންފުންޏަށް ބޮޑު ބަދަލެއް ދޭންޖެހުނީ ޝަރީއަތުގައި އެބޭފުޅާ ދެއްވި ބަޔާނެއްގެ ސަބަބުން ނޫންކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.މުއިއްޒު ވިދާޅުވި ގޮތުގައި ނޫމަޑީގެ މައްސަލައިގައި އެބޭފުޅާ އެއްވެސް ޝަރީއަތަކަށް ބަޔާނެއް ދެއްވާފައި ނުވެއެވެ. ނަމަވެސް ދައުލަތަށް ބޮޑު ގެއްލުމެއްވާގޮތަށް ނޫމަޑި ކުންފުންޏާއި އެކު ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ދާންޖެހުނީ ޝަރީއަތުގައި ޑރ.މުއިއްޒު ދެއްވި ބަޔާނަކުންކަމަށް ވަނީ އަޑުފެތުރިފައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދައުލަތުގެ ފަރާތުން އެ ކުންފުންޏަކަށް ބަދަލު ދިނުމަކީ، މާ ކުރިން ފެށުނީއްރުސުރެން އެ އަމާޒަށް ދިއުމަށްޓަކައި ރޭވިގެން މަސައްކަތް ކޮށްގެން ކޮށްފައިވާ ކަމެކެވެ. އެގޮތުން އޭރު ރައީސް ޔާމީންގެ ސަރުކާރުގައިވެސް އަދި މި ސަރުކާރުގައިވެސް މަސައްކަތް ކުރި ފަރާތެއް ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ނުދީ ހުރި ބަޔާންތަކެއް ފަހުން ދެއްވާފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"މިއީ އައުޓް އޮފް ކޯޓުން ނޫމަޑިއަށް ބަދަލު ދިނުމުގެ އަމާޒުގައި މަސައްކަތް ކުރި ކަމުގެ އެއް ދަލީލު،" ޑރ.މުއިއްޒު ވިދާޅުވި އެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި އެއްބަސްވުމާ ހިލާފަށް ނޫމަޑިގެ އަތުން އެ ރަށް ނަގަނީ އޭނާ އިސްވެ ހުންނަވައިގެން އެހެން ބޭރުގެ އިންވެސްޓަރަކަށް އެ ރަށް ދިނުމަށްކަމަށް ބަޔާންދިން ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް