ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރަނީ
ދިވެހިރާއްޖޭގެ ކައުންސިލްތަކުގެ ދައުރުގެ މުއްދަތު ފަސް އަހަރަށް ބަދަލުކުރުމަށް ހުށައަޅައިފިއެވެ.
މިގޮތަށް ހުށައަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ފޮނުއްވި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައެވެ.
މި ބިލްގައިވާ ގޮތުގައި ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރުކުރަންޖެހެއެވެ. މިވަގުތު ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ.
މީގެ އިތުރުން މި ބިލްގައިވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައްޔިތުންގެ ސިއްރު ވޯޓަކުން ހޮވުމަށް ހިމަނާފައެވެ. ހަމައެހެންމެ އަތޮޅު ކައުންސިލްތަކުގައި ހުރިހާ ރަށެއް ތަމްސީލްކުރެވި، ބައިވެރިވުން އޮންނަ ގޮތަށް ހެދުމަށްޓަކައި އަތޮޅު ކައުންސިލްގައި ތިބޭނީ ރަށު ކައުންސިލްތަކުގެ ރައީސުންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމެވެ.
އަދި ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުންކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް