ރ.އަނގޮޅިތީމުގައި ހަދާ ވިޒިޓަރ ސެންޓަރުގެ މަސައްކަތް ފަށަނީ
ރ.އަނގޮޅިތީމުގައި ހެދުމަށް ހަމަޖެހިފައިވާ ވިޒިޓަރ ސެންޓަރުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ އެތަނުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ސެންޓަރުން ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ފެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފަން ދުވަހާއި ގުޅުވައިގެންނެވެ. މިތަނުގެ ބިންގާ އަޅައިދީފައިވަނީ މޭޑޭ މުޒާހަރާއާއި ގުޅިގެން ޖަލުހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ނިޔާވި އަލީ ރަޝީދުގެ ދަރިފުޅާއި އަންހެނުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަނގޮޅިތީމަކީ ރައީސް މައުމޫންގެ ސަރުކާރުގައި ވެލާނާގޭގައިވާ ދައުލަތުގެ މުދަލުން ވައްކަން ކުރެއްވިކަމުގެ ކުށް ސާބިތުވެ، ރައީސް ނަޝީދު އަރުވާލެވުނު ރަށެވެ.
މިފަދަ ތަންތަން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް