ބޭންކުން ނުކުތް މީހަކު ރަހީނުކޮށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި
ބޮޑުތަކުރުފާނު މަގުގައި ހުންނަ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ޗެކުތަކަކަށް ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާ އަތުގައި ހުރި ފައިސާ ފޭރިގެންފި އެވެ.
ފުލުހުން ބުނީ ކުންފުންޏެއްގެ ޗެކްތަކަކަށް ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނު ކޮށް، އޭނާއަށް ބިރުދައްކައި އެ ފައިސާތައް ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ޓުއަރިޒަމް އޮޕަރޭޓްކުރާ ވިޔަފާރި ކުންފުންޏެއްގެ ފައިސާތަކެއްފޭރުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު ރަހީނު ިކުރުމަށްފަހުއެވެ.
އޭނާ ބޭންކުން ފައިސާ ނަގައިގެން ނުކުތް އިރު ކުރިމަތީގައި އޮތް ކާރަކަށް ގަދަކަމަުން އަރުވައިގެން ގެންގޮސް ރަހީނުކޮށް، ބިރުދެއްކުމަށްފަހު އޭނާއަތުން 130،000 ރުފިޔާ ފޭރުނު ކަމަށްވެއެވެ.
ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު އަތުން ފޭރެންކުރި މަސައްކަތުގައި އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ. އަދި ރޭ ކާނިވާ ސަރަހައްދުން މީހެއްގެ ވޮލެޓު އަތުލައި ފޭރެން ކުރި މަސައްކަތުގައި އެމީހާގެ އަތަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް