ޘާނީ ފޭން ފޭވަރިޓް އެވޯޑާއެކު- ފޮަޓޯ/ ޕީއެސްއެމް
ޘާނީ ފޭން ފޭވަރިޓް އެވޯޑާއެކު- ފޮަޓޯ/ ޕީއެސްއެމް
ރިޕޯޓް 14 Jun 2026 | 05:00

ބީއާރްޕީ އަށް ށ. އަތޮޅުން ޘާނީ؛ ހުވަފެން ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ އެންމެންގެ އެއްބާރުލުން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން" (ބީއާރްޕީ) ސީޒަން 7 ގެ ފޯރި ގަދަވެފައިވާއިރު، ށ. މިލަންދޫ، އަންނާރުމާގޭ މަރްޔަމް ޘާނީ ވަނީ އޭނާގެ ހުނަރުވެރިކަމާއެކު މުބާރާތުގެ ގަދަ 10 ބައިވެރިންގެ ތެރެއިން ޖާގަ ހޯދާފައެވެ.

ރޭޑިއޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި ރިއަލިޓީ ޝޯވއަކީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދީ، ހުނަރު ތަރައްޤީ ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެންމެ ބޮޑު މުބާރާތެވެ.

ޘާނީ- ފޮަޓޯ/ ޕީއެސްއެމް

މިއަހަރު ގެނެސްދޭ 7 ވަނަ ސީޒަންގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަކަށްވެސް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރަކާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޘާނީ؛ ދާއިރާގައި ވީ ދެ އަހަރުގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް

ޘާނީ އަކީ މީޑިއާގެ ދާއިރާއަށް އާ މޫނެއް ނޫނެވެ. މީގެ ދެ އަހަރު ކުރިން "ވަގުތު" ނޫހުން ދާއިރާއަށް ނުކުތުމަށްފަހު، އޭނާ ވަނީ "ސަންގު ޓީވީ" އާއި "ވޮއިސް" ގައިވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް، މިހާރު އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްލައިގެން ހުރީ ބީއާރްޕީގެ ޓައިޓްލް ކާމިޔާބު ކުރުމަށެވެ.

މީގެ އިތުރުން ޘާނީއަކީ މީސްމީޑިއާގައި މަގުބޫލު "އާޓް-މަރިޔަނބު" އެކައުންޓް މެދުވެރިކޮށް އާއްމުންނަށް ފައިދާހުރި މައުލޫމާތާއި އޭނާގެ އަމިއްލަ ހުނަރުތައް ދައްކައިދޭ ކޮންޓެންޓް ކްރިއޭޓާއެއްވެސް މެއެވެ. އެގޮތުން، ޘާނީގެ ކުރެހުމުގެ ހުނަރާއި، ކެއްކުމުގެ ހުނަރުގެ އިތުރުން ޕްރެޒެންޓިންގ ގެ ހުނަރުވެސް އެކައުންޓް މެދުވެރިކޮށް މިހާރުވެސް އަންނަނީ ދައްކަމުންނެވެ.

ޘާނީ ޢާއިލާއާއެކު- ފޮަޓޯ/ ޕީއެސްއެމް

މި މުބާރާތުގެ މިހާތަނަށް ބޭއްވުނު އެކި ފޯމެޓުތަކުގައި ޘާނީ ވަނީ އޭނާގެ ޤާބިލުކަން ސާބިތުކޮށްދީފައެވެ. ޚަބަރު ކިޔުމާއި، ވާހަކަ ކިޔުން، ޑްރާމާ އަދި އިންޓަވިއު ކުރުމުގެ ބައިތަކުން އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ހުށަހެޅުންތަކެއް ދައްކާފައެވެ. ހުށަހެޅުންތަކުން ދެއްކި ހުނަރުން އެހުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޕްރެޒެންޓަރ "ފޭން ފޭވަރިޓް" އެވޯޑްވެސް އޭނާއަށް އެއް ހަފްތާގައި ލިބުނެވެ.

ޘާނީ ބުނާ ގޮތުގައި މި މުބާރާތުގެ ސަބަބުން އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވެ، އަމިއްލަ ނަފްސު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

"މުބާރާތާއިގެން ކުރިއަށް ދެވޭނެ ނަމަ، އިތުރު ކަންކަން ދަސްވެ ދާއިރާއިން ކުރިއެރުން ހޯދޭނެ ފުރުސަތު ފަހިވާނެ،" ޘާނީ ބުންޏެވެ.

ޘާނީ- ފޮަޓޯ/ ޕީއެސްއެމް

ޘާނީގެ އުންމީދަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބުމެވެ. ޕީއެސްއެމް އެއާ މެދުވެރިކޮށް ޘާނީއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ށ. އަތޮޅަށާއި މިލަންދޫއަށް ރީތި ނަމެއް ހޯދައިދިނުމަށް ނުކުމެ ހުރި ޘާނީއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އޭނާގެ އެދުމެކެވެ.

މި މުބާރާތުގައި މާކްސް ދިނުމުގައި ބަލަނީ 75 އިންސައްތަ ޖަޖުންގެ މާކްސްއަށެވެ. ބާކީ 25 އިންސައްތަ އަކީ އާއްމުންގެ ވޯޓެވެ. މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ ޙަސަން ޙަލީމް، ނުޒުހަތު ޝަމީމް އަދި އަޙްމަދު ޠޮލާލްއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް