ހުޅުމާލެ ހޮސްޕިޓަލުން މިހާރު އެމްއާރއައި ސީޓީ ސްކޭން ހެދޭނެ!
އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހުޅުވައިފި އެވެ.
މިއަދު ހެނދުނު ބޭއްވުނު ހަފްލާއެއްގައި ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ހުޅުއްވައި ދެއްވާފައި ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މިނިސްޓަރ އަމީންގެ އިތުރުން ހުޅުމާލެ ދާއިރާގެ އިންތިހާބީ މެންބަރު ޢަލީ ނިޔާޒް ވެސް ވަނީ މިހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
"ހޮސްޕިޓަލަކީ ފަރުވާގެ ފުރަތަމަ މަރުކަޒެއްނޫން. ފަރުވާގެ ފުރަތަމަ ފިޔަވަޅަކި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީގޮތުން ކުރަންޖެހޭ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރޯދަ މަހާއި ވިއްސާރަ މޫސުމުގައި ކުރިމަތިވެދާނެ ބަލިތަކުން ސަލާމަތްވުމަށް ފަރުދީގޮތުން އަޅަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
ހުޅުމާލޭ ރޭޑިއޮލޮޖީ ޑިޕާޓްމެންޓަށް އިތުރު ބަދަލުތައް ކުރިއަށް އޮތްތަނުގައި އަންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ބަހައްޓާފައިވީނަމަވެސް، އެތަނުން ހިދުމަތް ނުދެވޭކަން ހުޅުމާލެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
ހުޅުމާލެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ނާހިދާ ހަމީދު ވިދާޅުވީ އެމްއާރުއައި އަދި ސީޓީ ސްކޭން މެޝިން ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަތާ ވަރަށް ދުވަސްވެފައި ވީނަމަވެސް ހިދުމަތް ނުދެވުމުގެ ސަބަބުން އެ ހޮސްޕިޓަލަށް އާންމުންގެ އެތައް ފާޑުކިޔުމެއް އަމާޒުވި ކަމަށެވެ.
މިއަދު ހުޅުވިގެންދިޔަ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއެކު އެ މެޝިންތައް ބޭނުން ކުރަން ފެށޭނެ ކަމަށް ނާހިދާ ވިދާޅުވިއެވެ.
އާސަންދައިން އިތުރަށް މައުލޫމާތު ދެއްވާގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް ގާއިމްވުމާއެކު އެމްއާރުއައި، ސީޓީ ސްކޭން އަދި މެމޯގްރަފީގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް