ދީބާޖާއަށްދޭ ފައިސާއަކީ "ސިޔާސީ ކަޓެއް": އުމަރު
ބަދަލު ދިނުމުގެ ނަމުގައި ދީބާޖާއަށް ދޭ ފައިސާއަކީ ސިޔާސީ ކަޓެއް ކަމަށާއި އެމައްސަލައިގެ ޝަރީއަތް ލައިވްކުރާނެ ދުވަހެއް އަދި އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.
އުތުރު ޕްރޮޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާއަށް ފައިސާ ދޭން ރައީސް ސޯލިހު ނިންމެވުމާއި ގުޅިގެން، އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވީ، ދީބާޖާ ކުންފުންޏަށް ބަދަލުގެ ނަމުގައި ދޭ ފައިސާއަކީ "ސިޔާސީ ކަޓެއް" ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި ދައުލަތުގެ މިލްކިއްޔާތުން ފައިސާ ނަގައި، އެ ފައިސާ ކޮންމެ ނަމެއްގައި ބެހިޔަސް އެކަން ވާނީ ވައްކަމަކަށެވެ.
ސަރުކާރުން މިއަދު ކުރަމުންދާ ކަންކަމަށް ޒިންމާވާން ޖެހޭނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ. މި ސަރުކާރުން ގާނޫނާއި ހިލާފަށް ކުރާ ކަންކަމުގެ ޝަރީއަތްތައް ލައިވް ކޮށްގެން ހިންގާނެ ދުވަހެއް އަދި އަންނާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ލައިވްކޮށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ޝަރުއީ ކޯޓަކުން ޝަރީއަތެއް ލައިވްކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް