ލުތުފީ އެމްބަސީގައި ފިލުވުމަކީ ސަރުކާރުން ހިންގި ޓެރަރިޒަމްގެ އަމަލެއް: ނިހާން
ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޓެރަރިސްޓަކު ދިވެހި އެމްބަސީއެއްގައި ބަހައްޓައިގެން ހިމާޔަތް ދިނުމަކީ ދިވެހި ސަރުކާރުން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ބާޣީ ލުތުފީ ޖަލުން ނެރެ ފޮނުވައިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނު ކަމަށެވެ. އަދި ލަންކާގައި ފިލައިގެން އުޅުނު ދިވެހިންގެ ބޮޑު ޓެރެރިސްޓަކަށް ދިވެހި އެމްބަސީން ހިމާޔަތްދީގެން ގެންގުޅުމަކީ ޓެރަރިޒަމްގެ ގާނޫނާއި ހިލާފު ކަމެއް ކަމަަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް އަދަބު ދެވެންޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މުޅި ދުނިޔެވެސް ޓެރަރިޒަމާ ދެކޮޅު ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން ހިންގި މިޖަރީމާއަކީ ޓެރަރިޒަމްގެ އަމަލެއްކަން މިހާރު މުޅި ދުނިޔެ ވެސް ގަބޫލުކުރާނެ ކަމަށެވެ.
އަދި ލަންކާގައި ފިލައިގެން އުޅުމަށްފަހު ސަލާމަތް ނުވާ ހިސާބަށް ދިއުމުން ހިމާޔަތް ހޯދުމަށް ގޮސް ސްރީލަންކާގެ އެމްބަސީއަށް ވަނުމުން އޭނާ ފިލުވައިގެން ގެންގުޅުމަކީ ދިވެހި ސިފައިންނާއި ފުލުހުންނަށް ކުރި މަލާމާތެއް ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ ހިތުގައި ލެއްވި ލައްގަނޑެއް ކަމަށް ނިހާނު ވިދާޅުވިއެވެ.
އަދި ލުތުފީ އެމްބަސީގައި ފޮރުވައިގެން ދެމަސްދުވަހު ހިމާޔަތް ދީގެން ގެންގުޅުނު ވާހަކައަކީ ޒަމާންތަކަށް ދެމިގެންދާނެހެން ލިޔެވި ރައްކާކުރެވޭނެ ވާހަކައެއް ކަމަށް ނިހާން ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި 16 ޖެނުއަރީ 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭގެ ފަހުން އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ. ލަންކާގައި ފިލައިގެން އުޅެމުންގޮސް، މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ.
ނަމަވެސް އެކަމުގެ މައުލޫމާތު ސަރުކާރުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވާހަކަތައް މީޑިއާއަށް ހާމަކުރެއްވުމުން، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވިއެވެ.
ލުތުފީގެ މައްސަލައިގައި ރައީސް ސޯލިހު ވިދާޅުވީ ލުތުފީއަށް މާފު ނުދެއްވާނެ ކަމަށާއި އޭނާ އަނބުރާ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް