ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށްބުނެ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި
ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމަށްބުނެ، އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެވެ.
އެމެރިކާއިން މިރޭ ފުރަތަމަ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވަނީ ރާއްޖޭގައި ދާޚިލީ ހަމަނުޖެހުން ހިނގަމުންދާ ކަމަށާއި، ނިރުބަވެރި ހަމަލާއެއް ދިނުމުގެ ބިރުވެރިކަން އޮތްކަމަށްބުނެ، ދަތުރުކުރުމުގައި ސަމާލުވުމަށް އެދި ލެވެލް ދޭއްގެ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
އަދި މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމެރިކާއިން މީގެ ކުރިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީތަކެއްގައި ހިމެނޭ މައުލޫމާތުތަކެކެެވެ.
މިކަމާއި ގުޅިގެން އެެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ އަލައިނާ ޓެޕްލިޓްޒް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ އެ ޓްރެވަލް އެޑްވައިޒަރީގައި ނުރަނގަޅު މައުލޫމާތު ހިމެނޭތީވެ، އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
އޭގެފަހުން ނެރުނު އެޑްވައިޒަރީގައި ވަނީ ދާޚިލީ ހަަމަނުޖެހުންގެ ބައިތައް ނަގައި، ކުރިން އެންގުމަކާއި ނުލައި ރާއްޖެއަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެކަމަށްބުނެ، އިންޒާރު ދީފައެވެ.
އެގޮތުން ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނާއި، ދަތުރުފަތުރުކުރާ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނަށް ހަމަލާދީފާނެކަމަށް ވަނީ ބުނެފައެވެ. އެ އެޑްވައިޒަރީގައި ވަނީ އަތޮޅު ތެރޭގެ ރަށްތަކަށްވެސް ހަމަލާ އައިސްފާނެކަަމަށް ބުނެފައެވެ.
ލެވެލް 2 ގެ މާނައަކީ ދަތުރުކުރުމުގައި ސަމާލުވާން ޖެހޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް