އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި އެކަށީގެންވާ ސިޔާސަތުތައް ނުހެދޭނެ: ޝިދާތާ
އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި އެކަށީގެންވާ ސިޔާސަތުތައް ނުހެދޭނެކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަަމަނާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުން ކަމަށާއި އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށެވެ.
މީގެ އިތުރުން، އަންހެނުންނަށް ކުރިމަތިވާ މި ފަދަ ދަތިތައް ޙައްލުކުރަން ޖެހޭ ކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޚްގެ ސަރުކާރުން އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތަކަށް އެ ކަމަނާ އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި، ދިވެހިރާއްޖޭން ޢަމަލުކުރަމުން ދާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި، މުޖުތަމަޢުއިން މި ކަމުގައި ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މި ފަދަ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް