ބިޑަށް ނުލައި 800 މިލިޔަން ރުފިޔާގެ މަޝްރޫއެއް ހަވާލްކޮށްފި!
ގުޅީފަޅުގައި ޕޯޓެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ބޮސްކާލިސްއާއި ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަސައްކަތަށް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި އެކު 53މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރ 17ވަަނަ ދުވަހުގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރ ޑިޕާރޓްމެންޓްގެ ޑިރެކްޓަރ ފާތިމަތު ޝާނާ ފާރޫގެވެ. ބޮސްކާލިސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭރިޔާ މެނޭޖަރ ޑޭވިޑް ބެސްޓޫޑެވެ.
ގުޅީފަޅު ބިން އިތުރަށް ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 6 މިލިޔަން ކިއުބިކް ކިލޯމީޓަރ ހިއްކައި، 4 ކިލޯ މީޓަރުގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި ބޮސްކާާލިސް ކުންފުންޏަކީ ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގާފައިވާ ކުންފުންޏެކެވެ. ގުޅީފަޅު ހިއްކުމުގެ މަސައްކަތް 180ދުވަހުގެ ތެރޭގައި ނިންމާލުމަށް އެކުންފުނިން ވަނީ އަމާޒު ހިފާފައެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ބިޑް ކުރުމެއް ނެތިއެވެ. މާލޭގެ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާާފައިވަނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ނިޔަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް