ޔޫއެންއޯއެޗްސީއާރްގެ ވަފްދުން ރައީސް ޔާމީންއާއި ބައްދަލުކުރައްވައިފި
ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރގެ އޮފީހުގެ ބޭފުޅުން، ޖަލުބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާގޮތުގައި މި ބައްދަލުވުން މިއަދު އޮތީ އެމަނިކުފާނު އެނދުމަތި ކުރެވިފައި އޮތް، އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
އަދި މީގެ އިތުރުން އެ ވަފްދުން ވަނީ ޖަލުބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގޭބަންދުގައި ހުންނެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއިވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެ ވަފްދުން ވަނީ ބައްދަލުކޮށްފައެވެ.
ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ވަފުދެއް ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިވަފުދު މިރޭ ވަނީ ރާއްޖެއިން ފުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް