ނިއުކްލިޔާ ހަތިޔާރުތައް މަނާކުރުމާއި ބެހޭ ގަރާރުގައި ރާއްޖެއިން ސޮއިކޮށްފި
ނިޔުކްލިޔާ ހަތިޔާރުތައް މަނާކުރުމާއި ބެހޭ އދ.ގެ ގަރާރެއްގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.
ޔުނައިޓެޑް ނޭޝަންސް ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިޔުކްލިޔާ ވެޕަންސްގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ، އދ.ގެ މައި އިދާރާގައި މިއަދު އޮތް ރަސްމިއްޔާާތެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
މި ޓްރީޓީއަކީ ނިޔުކްލިޔާ ހަތިޔާރު އުފެއްދުމާއި، ބޭނުންކުރުމާއި އޭގެން ބިރުދެއްކުން ހުއްޓުމަށް އަމަލުކުރުން ވާޖިބުވާ ފުރަތަމަ ބައިނަލްއަގްވާމީ ގަރާރެވެ. މި ގަރާރަކީ ނިޔުކްލިޔާ ހަތިޔާރު ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ކުރަމުންދާ މަސައްކަތަށް ބޮޑު އެހީއެއް ލިބިގެންދާނެ ގަރާރެކެވެ.
މި ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އެއްބަސްވެފައިވަނީ 27އޮގަސްޓް 2019ގައެވެ.
މި ގަރާރުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ނިޔުކްލިޔާ ހަތިޔާރު ނައްތާލުމަށް ގޮވާލުމަކީ ރާއްޖޭގެ ވާޖިބެއްކަމަށާއި، އެތަކެތި ނައްތާލައިގެން މެނުވީ އެތަކެތި ބޭނުންކުރުން ނުހުއްޓުވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް