ކޮމިޝަންތަކަށް ބާރު ދޭ ބިލް ލަސްކުރަމުންދަނީ ބައެއް މެންބަރުންގެ މަސްލަހަތު އޮތުމުން: ރިޔާޒް
ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލް ފާސްނުކޮށް ލަސްކުރަމުންދަނީ ބައެއް މެންބަރުންގެ މަސްލަހަތު އޮތުމުން ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާފެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ފާސްނުވީ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވުމުން ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި މިއަދު އެ ބިލަށް ވޯޓަށް އަހަން ބެލިއިރު ވޯޓަށް އެހުމަށް ތައްޔާރުވިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެބިލް ފާސްކުރަން ބޭނުންނުވާ މެމްބަރުންގެ ތެރޭފައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއާއި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެނާ ވިދާޅުވިއެވެ.
ހޯމަދުވަހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އަހަން އޮތުމުން، އެ ބިލް ފާސްކުރުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ދެ ބައްދަލުވުމެއް ބާއްވައި، ތްރީލައިން ވިޕެއް ނެރުނު ކަމަށް ޒިޔާޒް ވިދާޅުވެފައި ވެއެވެ. އަދި ވޯޓްގައި ބައިވެރި ނުވެ ޗެމްބަރުން ނުކުމެވަޑައިގަތީ މެންބަރުންނެއްތޯ ބައްލަވާނެ ކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވޯޓަށް އެހުމަށް އެޖެންޑާކޮށް، ބިލަށް ވޯޓަށް އެހި ވަގުތު މަޖިލިސް ތަޅުމުގައި 43 މެމްބަރުން ނެތުމުގެ ސަބަބުން ވަނީ ވޯޓަށް ނޭހިފައެވެ. ވޯޓަށް އަހަން ބެލި އިރު މަޖިލީހުގައި ތިއްބެވީ 42 މެންބަރުން ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރެއްވާފައިވެއެވެ. ރައްޔިތުން އަމަލުކުރަން ލާޒިމްކުރާ ގާނޫނެއް މަޖިލީހުން ފާސްކުރާ ނަމަ، ވޯޓަށް އަހާ ވަގުތު މަޖިލިސް ޗެމްބަރުގައި 43 މެމްބަރުން ތިބެންޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް