ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރިން: ޒަމީރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމުގެ މަތިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރެއްވިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުންނެވެ.
ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރައްވާފައިވަނީ އެމަނިކުފާނުގެ އެދުމުގެ މަތިން ކަމަށެވެ. މި އެއް މިލިޔަން ޑޮލަރު ޒަމީރު ހޯއްދަވާފައިވަނީ އެބޭފުޅާގެ އަމިއްލަފުޅު މުދަލެއް ވިއްކަވައިގެންކަަމަށް ޒަމީރު ވަނީ ހާމަކުރައްވާފައެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެ މުދާ ވިއްކަވާފައިވަނީ ވަސީމް ނަމަކަށް ކިޔާ ފަރާތަކަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ އެ ފައިސާ ޖަމާކުރުން ލަސްވެގެން ރައީސް ޔާމީން އެބޭފުޅާއަށް ގުޅުއްވާފައި ނުވިޔަސް، މިދިޔަ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝުކޫރު ވަނީ ޒަމީރަށް ފައިސާ ޖަމާކުރުން ލަސްވެގެން ގުޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް