"ވައިމާސް" ސީރީޒްގެ 2 ވަނަ ޕްރޮގްރާމަށް ވެސް ބޮޑު ތަރުހީބެއް ލިބިއްޖެ!
ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް) ގެ 2 ވަނަ ޕްރޮގްރާމް، ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއި އެކު ނިންމާލައިފިއެވެ.
މިދިޔަ ހަފްތާ ބަންދުގައި ކުރިޔަށްގެންދިޔަ ވައިމާސްގެ 1 ވަނަ އަދަދަށް ލިބިގެންދިޔަ ތަރުހީބާއި އެކު، ރަފީއިން މިއަދު ވަނީ މިސީރީޒްގެ 2 ވަނަ އަދަދު ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިއަދު މެންދުރު 12 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމުގައި ޖުމްލަ 75 ޒުވާނުން ބައިވެރިވެފައިވެއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ވައިމާސް ޕްރޮގްރާމަކީ ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ރަފީ ޖަމިއްޔާއިން 2016 ވަނަ އަހަރު ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިޕްރޮގްރާމުގެ ސެޝަންތައް ނަންގަވާ ދިނުމުގައި ހަރަކާތްތެރިވަނީ، ޕްރޮގްރާމް އެދުވަހަކު ހާއްސަކުރާ މައުލޫއަށް އެންމެ ފަރިތަ އަދި އިލްމީ ގޮތުންނާއި ފަންނީ ގޮތުން ތަޖުރިބާ ހުރި ގާބިލް ބޭފުޅުންނެވެ. އެގޮތުން މިއަދުގެ ސެޝަންތައް ފުރިހަމަކޮށްދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ސިގްނޭޗަރ ސްޕީކަރއެއް ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ސޭފް އެން.ޖީ.އޯގެ ރައީސް މުހައްމަދު ރަޝީދު (ރާޑޯ) އެވެ. މިދެބޭފުޅުންގެ ސެޝަން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަމިއްލަ ނަފްސު ކުރިއަރުވާ، މުޖްތަމައުއަށް ބޭނުންތެރި ފަރުދެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވިދާނެ ކަންކަމާއި އެގޮތުގައި ދެމި ތިބުމަށް ގައިގާ ހަރުލައްވަންޖެހޭ މުހިންމު ސިފަތަކުގެ މައްޗަށެވެ.
ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި ވައިމާސް ޕްރޮގްރާމަކީ ޒުވާނުން އަހުލުވެރިކޮށް ބާރުވެރިކުރުމަށްޓަކައި ޖަމިއްޔާއިން ކުރިޔަށްގެންދާ އެކި އެކި ޕްރޮގްތާމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިލްސިލާއެވެ. އެގޮތުން މުޅިން ހިލޭ ބައިވެރިވޭ މިޕްރޮގްރާމް މެދުވެރިކޮށް މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމުގައި ރަފީއިން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ކޮންމެ އަހަރަކުވެސް މިސީރީޒްގެ 4 ޕްރޮގްރާމް ފުރިހަމަކޮށް، ނަމޫނާ ޕަރފޯމަންސް ދައްކާ ޒުވާނުންގެ މެދުގައި ކޭމްޕެއް ކުރިޔަށްގެންގޮސް އެންމެ ފާހަގަކޮށްލެވޭ ނަތީޖާ ހާސިލްކޮށްފައިވާ ފަރާތްތައް ފުރޭނިގެން، ޖުމްލަ 31 ފަރާތަކަށް "މިލީނިއަމް ޔޫތް އެމްބެސަޑަރ”ގެ ޝަރަފު ރަފީ ޖަމިއްޔާއިން ވަނީ އަރުވާފައެވެ.
ރަފީ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި އެޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ޒުވާނުންނަށްވެސް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ބޭނުންވާނެ ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ މާހައުލުގައާއި އަމިއްލަ ދިރިއުޅުމުގައި ކާމިޔާބު ހަރުފަތްތަކެއް ގިރާކުރުމަށް ބޭނުންވާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް