ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރުމަށް ގައުމުތަކުން ވަނީ ނުކުޅެދިފައި: ރައީސް ޞާލިހު
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތަކުން ވަނީ ނުކުޅެދިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޞާލިހު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމަށާއި މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ޤަވާއިދާ ޚިލާފަށް އަރައިގަނެ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގެންފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ދެކޭގޮތުގައި މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ލިބެން އޮތީ އަރަބި ދުނިޔޭގެ ގައުމުތަކާއި އިޒްރޭލުން ސުލްހަވެރި މަޝްވަރާތަކެއްކޮށް، އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް އޮންނަ ގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި 1967 ވަނަ އަހަރު އެއްބަސްވި ފަލަސްތީނުގެ ބޯޑަރުގައި އެ ގައުމުގެ ވެރިރަށެއްގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ދިވެހިރާއްޖެއިން ކުރާ ތާއީދަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު މި ތަޤުރީރު ކުރައްވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް