ރައީސް ޑރ.މުޢިއްޒު، އެސްޓޯނިއާގެ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ޑރ.މުޢިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ވަޑައިގަތުމުން، އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ.

މި ޒިޔާރަތުގައި އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ފަރާތުން އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާއިރު، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ވެސް ރައީސް ޑރ.މުޢިއްޒަށާއި ދިވެހި ވަފުދަށް ވަނީ ހުށަހަޅައިދީފައެވެ.
އެސްޓޯނިއާގެ ރައީސް ޑރ.އަލާރް ކަރިސްގެ ދަޢުވަތަކަށް ރައީސް ޑރ.މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުގާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްގެ އިތުރުން، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް