ބަނގުރާ ވިއްކުން މަނާކުރަން އެދުނީ އިސްލާމީ ޓުއަރިޒަމް ކުރިއަރުވަން: ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖޭގައި ޖުވާ ކުޅެވޭ ތަންތަން އަޅަން ބޭނުންވުމުން، އެކަން "ކުއްލިއަކަށް ހަރާން" ކަަމަކަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އޫރުމަހާއި ބަނގުރާ މަނާ ކުރުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ރިވެތި އުސޫލުތަކާއި ޚިލާފަށް އެއްވެެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށާއި، އެފަދަ ކަމަކަށް ރައްޔިތުންގެ މަޖިލީހުން ވޯޓު ދީގެންވެސް ނުވާނެ ކަމަށެވެ.
"40 އަހަރުވެއްޖެ މިރާއްޖޭގައި ބަނގުރާ ވިއްކާތާ. އެކަމަކު އަޅުގަނޑު ކެސީނޯ އަޅަން އުޅުނީމަ، އެކަން ކުއްލިއަކަށް ވެއްޖެ ހަރާމް ކަމަކަށް" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަނގުރަލާ އޫރުމަސް ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުން މަނާ ކުރަން އެދި މަޖިލީހެއް ގަރާރެއް ހުށަހެޅުއްވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދަން ބޭނުންވެލައްވާތީ ކަމަށެވެ.
ޖާބިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް، ރައްޔިތުންގެ މަޖިލީހަށް ހުއްދަ ނުކުރެވޭނެ ކަމަށެވެ. އޭނާ ވަނީ މެދު މިންގަނޑަށް އަމަލު ކުރާނަމަ، ރަނގަޅަށް އެއަށް އަމަލު ކުރުމަށް، އަދި ހަރުކަށި ފިކުރަށް އަމަލު ކުރާނަަމަ، ހަރުކަށި ވުމަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް