ނުފޫޒެއް ނުފޯރުވަން؛ ނުފޫޒު ފޯރުވީ ސުއޫދު، އެއީ ސިޔާސީ މީހެއް: އޭޖީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސުޕްރީމް ކޯޓާއި ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވީ ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ކަމަށް ވިދާޅުވެ ސުއޫދުގެ ތުހުމަތުތަކަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި މިރޭ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އުޝާމް ވަނީ ސުއޫދުގެ ވާހަކަތަކަށް ރައްދު ނުދެއްވި ސަބަބު ސާފުކޮށް ދެއްވާފަ އެވެ. ސުއޫދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އުޝާމް ވިދާޅުވީ އެއީ ސިޔާސީ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެފަދަ އިން ސިޔާސީ ބޭފުޅަކު ދައްކަވާ ސިޔާސީ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވީ ކަމަށެވެ.
"ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއް. ސިޔާސީ ވާހަކަ އެ ބޭފުޅާ ދައްކަވާނެ. އެހެން ނަމަވެސް އަޅުގަނޑުގެ މިޖާޒު ހުންނަ ގޮތުން އެހެން ދައްކާ ސިޔާސީ ކޮންމެ ވާހަކައަކަށް އަޅުގަނޑުމެން ރެސްޕޮންޑް ނުކުރާތީވެ ވަރަށް ގިނަ ރައްޔިތުންނަށް ޤަބޫލު ކުރެވެނީ ކަންނޭންގެ އެހެން އެކަން ހިނގާފައި އޮތީއޭ," އުޝާމް ވިދާޅުވި އެވެ.

އުޝާމް ތަކުރާރު ކުރައްވާ ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އޭނާ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
އެކަން ކޮންމެ ދުވަހަކުން އެ މައްސަލަ ބެއްލި ނަމަވެސް ސާބިތުކޮށް ދެއްވާނެ ކަމަށާ އެކަމުގައި ޖަވާބުދާރީވެވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ސުއޫދަށް ފާޑު ވިދާޅުވެ ތުހުމަތު ކުރެއްވި އެވެ.
ވިދާޅުވީ ސުޕްރީމް ކޯޓަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ސުއޫދު ކަމަށެވެ. އަދި ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވީ ސުއޫދު ކަމަށް ތުހުމަތު ކުރެއްވި އެވެ.
"ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި އޮންނާނީވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޮރުވަން މަސައްކަތް ކޮށްފައިވާނީ އެ ބޭފުޅާ," އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން އުޝާމް ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީއާ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ދެއްކެވި ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.
އެޖެންޓެން ފޮނުވައިގެން އެކަމަނާއަށް އުސާމް އިންޒާރު ދެއްވި ކަމަށް ވިދާޅުވާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ދޮގެއް ކަމަށް ވިދާޅުވި އެވެ. އެޖެންޓެއް ކަމަށް އަޒްމިރަލްދާ ވިދާޅުވަނީ އެ ދެ ބޭފުޅުންގެ ވެސް ރަހްމަތްތެރި އަކަށް ކަމަށް ވިދާޅުވި އެވެ.
އަދި އެ ވިދާޅުވާ ވާހަކައެއް އެ ބޭފުޅަކު ދެއްކެވީ މިހާރު އޮތް މައްސަލަ ފެށުމުގެ މާކުރީން މި އަހަރުގެ ފެބްރުއަތީ މަހުގެ ކުރީކޮޅު ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ގޮތަކުން އިންޒާރެއް ދެއްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް