"މާއްދާ ހަތަރެއް" އާއި އެކު އެމްއާރްއެމްގެ މަޖިލިސް ކެމްޕެއިން ފަށަނީ
"މާއްދާ ހަތަރެއް" މި ޝިއާރުގެ ދަށުން މައުމޫން ރިފޯމް މޫވްމެންޓްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ތައްޔާރުވެއްޖެއެވެ.
މިކަން އިއުލާންކޮށްފައިވަނީ އެމްއާރްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހަރަކާތުގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދެވެ.
ތަޒްމީލް ވިދާޅުވީ މާާއްދާ ހަތަރަކީ ގާނޫނު އަސާސީގައި ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާކަމަށެވެ. ގާނޫނު އަސާސީގައިވާ ގޮތަށް ރައްޔިތުންގެ ކިބައިން ފެށިގެން މި އަންނަ ބާރު ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިންކަމަށާއި އެ ބާރު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަޖިލީހަށް މި ވަޑައިގަންނަވަނީ، ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށް ތަޒްމީލް ވިދާޅުވިއެވެ.
" އެހެން ކަމުން އެމްއާރުއެމްގެ މިފަހަރުގެ [ރައްޔިތުންގެ މަޖިލީހުގެ] ހުރިހާ ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުން ކުރާނީ، މާއްދާ ހަތަރެއް"، ތަޒްމީލް ހާމަކުރެއްވިއެވެ.
މާއްދާ ހަަތަރެއް ކެމްޕެއިން އިފްތިތާހުކުރާނެ ތާރީޚެއް އަދި ކަނޑައެޅިފައިނުވާއިރު، މި ކެމްޕެއިން ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެކަމަށް ތަޒްމީލް ވަނީ މައުލޫމާތުދެއްވާފައެވެ.
ތަޒްމީލް އިތުރަށް ވިދާޅުވީ، އެމްއާރުއެމްއިން މަޖިލިސް އިންތިހާބުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައި ނުވާކަމަށާއި ވާދަކުރުމަށް ހަަމަޖެހިފައިވަނީ 25ދާއިރާއަށް ކަމަށެވެ
ނަމަވެސް އެމްއާރުއެމްއިން ވާދަ ނުކުރައްވާ ދާއިރާތަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރައީސް މައުމޫންގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ތަޒްމީލް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް