ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކުން ނެގި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައިދީފި
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރާތްތަކަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކައި ހުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައި ދީފިއެވެ.
ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިސާ، ސުނާމީއާ ގުޅިގެން އާންމު ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި ފައިސާގެ އަދަދު 30.4 މިލިޔަން ރުފިޔާ އަރައެވެ.
އެފައިސާގެ ތެރެއިން ދިވެހި ސަރުކާރުން ދައްކާފައި ވަނީ 15.2 މިލިއަން ރުފިޔާއެވެ. ބާކީ ހުރި 15.2 މިލިއަން ރުފިޔާ ބީއެމްއެލް އިން ވަނީ މައާފުކޮށްދީފައެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް ފައިސާ ދައްކައި ނިންމިއިރު، ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދޫކޮށްފައިވާ ލޯނުތައް ވެސް އެ ފަރާތްތަކުން މިހާރު ވަނީ މައާފުކޮށްދީފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޓީ އާއި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މައާފުކޮށްފައި ވަނީ އެފަރާތްތަކުން 144 މީހަކަށް ދޫކުރި 9.49 މިިލިއަން ރުފިޔާގެ ލޯނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް