އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނު ދުވަސްވަރަކީ ދަރިވަރުން ނުތަނަވަސްވެ، ހާސްވާ ދުވަސްވަރެކެވެ. ނަމަވެސް، އިމްތިޙާނަށް ރަނގަޅަށް ތައްޔާރުވެ ހުރެ އިމްތިޙާނާއި ކުރިމަތިލައިފިނަމަ އެ އިމްތިޙާނަކީ ހާސްކަން ކުޑަ ކާމިޔާބު އިމްތިޙާނަކަށް ވެގެންދާނެއެވެ. އިމްތިޙާނަށް ދިއުމުގެ ކުރިން ކޮންމެ ދަރިވަރަކުވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. މި ކަންކަމުގެ ސަބަބުން ދަރިވަރަށް ނަފްސާނީ ހަމަޖެހުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، މި ކަންކަމުގެ ސަބަބުން ދަރިވަރަށް ފުރިހަމަ ނަތީޖާއަކާއި ހަމައަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެއެވެ.
އިމްތިޙާނަށް ދިޔުމުގެ ކުރިން ނަމާދުކޮށް ޤުރުއާން ކިޔަވައި ދުޢާކުރުން
އިމްތިޙާނަށް ގެއިން ނުކުތުމުގެ ކުރިން، ނަމާދު ކުރުމަށާއި ޤުރްއާނުން މިންވަރެއް ކިޔަވާލުމަށް ސަމާލުކަންދޭންވާނެއެވެ. އަދި އެއަށްފަހު ޢިލްމު އުނގަންނައިދެއްވުމަށާއި، ހަނދާން ވަރުގަދަކޮށްދެއްވައި، ކާމިޔާބު ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުޢާކުރުމަށް ވެސް ސަމާލުކަން ދޭށެވެ. މި ކަންކަމަކީ ހިތަށް ހަމަޖެހުން ލިބި، ސިކުނޑި ތާޒާވެ، ކާމިޔާބީއަށް ވާޞިލްވުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

ސިއްހަތަށް ފައިދާހުރި ނާސްތާއެއް ނެގުން
ފައިދާހުރި ހެނދުނުގެ ނާސްތާއެއް ނެގުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނެ ކަމެކެވެ. ބިސް، މޭވާ، މުގުރި ގޮދަން (އޯޓްސް)، ކިރު ނުވަތަ ކަދުރު ފަދަ ތަކެތި ބޭނުންކުރުމުން ދަރިވަރުން ހަރަކާތްތެރިވެ، ސަމާލުކަން އިތުރުވުމަށް އެހީތެރިވެދެއެވެ. ތެޔޮ ގިނަ ތަކެއްޗާއި މާގިނައިން ހަކުރު ހުންނަ ކާތަކެތި ކެއުމުން ދުރުހެލިވާށެވެ. އެފަދަ ތަކެތީގެ ސަބަބުން ނިދި އައުމާއި ވަރުބަލިކަން އިޙުސާސް ކުރަންޖެހިދާނެއެވެ.

ބޭނުންވާ ތަކެތި ހަމަކުރުން
ގެއިން ނިކުތުމުގެ ކުރިން އިމްތިޙާނަށް ބޭނުންވާ ތަކެތި ހަމަތޯ ރަނގަޅަށް ޗެކްކޮށްލާށެވެ. ގަލަން، ފަންސުރު، ފުހޭ ރަބަރު، ފަތިގަނޑު، ފަދަ އިމްތިޙާނަށް ބޭނުންވާ ތަކެތި ހަމަކުރާށެވެ. މި ތަކެތި ކުރިއާލާ ތައްޔާރުކޮށްފައި ބެހެއްޓުމުން، އެންމެ ފަހު ވަގުތު އެއްޗެހި ހަމަނުވެގެން ހާސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ގެންގުޅޭ ގަލަން ހުސްވެއްޖެ ޙާލަތެއްގައި ބޭނުންކުރަން އިތުރު ގަލަން ގެންގުޅުމަކީ ބުއްދިވެރިކަމެކެވެ.
ގަޑިއަށް ސަމާލުވުން
ވަގުތަށް އިމްތިޙާނަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަޑި ނުޖެހި އިމްތިޙާނު ހޯލަށް ދިއުމުން ހާސްކަމުންދުރުވެ ތައްޔާރުވެލުމަށް ވަގުތު ލިބިގެންދާނެއެވެ. ގަޑިޖެހިގެން ދިއުމުން ނަފްސާނީ ގޮތުން ނުތަނަވަސްވެ، އިމްތިޙާނު ހެދުމަށް ބުރޫއަރާފާނެއެވެ. އަވަހަށް ދިއުމުން ޓެސްޓު ހޯލުގައި ހަމަޖެހިލައި، ބޭނުންވާ ތަކެތި ތައްޔާރުކޮށް، ހަމަޖެހިލައިގެން އިމްތިޙާނު ފެށުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ލުއިކޮށް މުޠާލިޢާކުރުން
އިމްތިޙާނު އޮންނަ ދުވަހުގެ ހެނދުނު ހުރިހާ ފިލާވަޅެއް އަލުން ކިޔަން މަސައްކަތް ނުކުރާށެވެ. އޭގެ ބަދަލުގައި މުހިންމު ނުކުތާތަކާއި، ފޯމިއުލާތަކާއި، މާނަތަކަށް ކުޑަކޮށް ކިޔާލައި މުޠާލިޢާކޮށްލާށެވެ. އެންމެ ފަހު ވަގުތު މާ ގިނައިން ކިޔުމަކީ ސިކުނޑި ވަރުބަލިވާނެ ކަމެކެވެ. ކުޑަކޮށް ކިޔާލުމުން ކުރިން ދަސްކޮށްފައިވާ އެއްޗެއް ހަނދާން އާކޮށްލަން ފަސޭހަވެގެންދާނެއެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރުން
އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރުމެވެ. "އަހަރެން ފިލާވަޅު ދަސްކޮށް ތައްޔާރުވީމެވެ، އިރާދަކުރެއްވިއްޔާ އެންމެ ރަނގަޅު ނަތީޖާ އާއި ހަމައަށް ވަޞިލުވެވޭނެއެވެ." މިހެން އަމިއްލަ ނަފްސަށް ބުނެދޭށެވެ. އަދި އެހެން ކުދިންނާ ތިމާގެ ތައްޔާރީތަކާއި އަޅާނުކިޔާށެވެ. އިމްތިޙާނު ހޯލަށް ވަންނައިރު މާތްﷲއަށް ވަކީލުކޮށް، ސުވާލުތައް ރަނގަޅަށް ކިޔައި، ހަމަޖެހިލައިގެން ޖަވާބުތައް ލިޔަން މަސައްކަތްކުރާށެވެ.
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ. ނަމާދުކުރުމާއި ދުޢާކުރުމާއި، ޤުރުއާން ކިޔެވުމާއި، ފައިދާހުރި ކާނާއާއި، ބޭނުންވާ ތަކެތި ހަމަކުރުމުގެ އިތުރުން، ގަޑިއަށް ސަމާލުކަންދީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއެކު ކޮންމެ ދަރިވަރަކަށްވެސް ކެރިގެން އިމްތިޙާނާ ކުރިމަތިލުމުން އޭގެ ނަތީޖާ ފޮނިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް