އެމްއެމްޕީއާރްސީގެ ވައްކަމުގެ ހަގީގަތާއި ކޮންސިޕިރަސީއާއި ނުދައްކާ ވާހަކަ!!
އިސްލާމިކް ބޭންކުގައި އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިޔަން ޑޮލަރުގެ ފައިސާގެ މައްސަލައެއް ފުލުހުން ތަހްގީގުކުރަމުންދާއިރު އެތަހްގީގާއިބެހޭ މައުލޫމާތުތަކެއް ރާއްޖޭގެ މީޑިއާއަކަށް އެގިފައިވާކަމަށްބުނެ އެކި މިޑިއާތަކުން އެ މައުލޫމާތު ތިލަކުރަމުންދަނީ އެކިގޮތްގޮތަށެވެ.
ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅަކާއިބެހޭގޮތުން ހިނގާ ތަހުގީގަކީ ވަރަށް މަތީފެންވަރުގައި ހިގާ ތަހްގީގަކަށްނޫނީ ނުވާނެއެވެ. ރާއްޖޭގެ މިޑިއާއަކުން ރިޕޯޓް ކޮށްފައިވާ އާޓިކަލެއްގައި ބުނެފައިވަނީ އެމްއައިބީގައި އޮންނަ ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މައްސަލަ ފުލުހުންބަލަމުންދާއިރު ޔާމީން ދައުލަތުގެ އިދާރާއަކަށް ދޮގުހެއްދެވި މައްސަލައެއް ފުލުހުން ބަލަމުންދާކަން އެނޫހަށް އެނގިފައިވާކަމަށެވެ. އަދި ބުނެފައިވަނީ އެކައުންޓެއް ހުޅުވައި އެފައިސާ އޭސީސީއާއި ހަވާލުކުރަން އެންގުމުން އެމުއާމަލާތުގައި މަކަރުހަދާފައިވާކަންވެސް އެގިފައިވާކަމަށެވެ.
އެހެންނަމަވެސް އިތުބާރު ހުރި ސޯސްތަކުން ވޮއިސްއަށް އެނގިފައިވަނީ އެމުއާމަލާތް ހިންގާފައިވަނީ އޭސީސީއަށް ފުރިހަމައަށް މައުލޫމާތު ލިބި އޭސީސީން އިރުޝާދު ދިންގޮތާއި އެއްގޮތަށްކަމުގައެވެ.
" އެމްއެމްޕީއާރްސީގެ މައްސަލަ އޭސީސީން ތަހްގީގުކުރަމުންދިޔައިރު ޔާމީންގެ އެކައުންޓަށް އެސްއޯއެފުން އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިހުރިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީވެސް އޭސީސީއަށް. އޭސީސީން އެވާހަކަ ރައީސާއި ހިއްސާކުރީ. އެކަން އެނގިވަޑައިގަތުމާއެކު އެފައިސާ އަނބުރާ ހަވާލުކުރައްވަން ރައީސް ބޭނުންފުޅުވީ. އެހެންނަމަވެސް އޭސީސީގެ އިރުޝާދަކަށްވީ އެފައިސާގައި އަތްނުލައި ބަހައްޓަން. އަދި ރައީސަށް ބާރު ނުފޯރުވޭ އެކަމަކު އޭސީސީއަށް ކޮންޓްރޯލް އޮންނަ ވަކި އެކައުންޓެއް ރައީސް ހައްދަވާފައި އެއެކައުންޓަށް އެއްމިލިޔަން ޑޮލަރަށްވާވަރަށް ޖަމާކުރައްވަން" ވޮއިސްއާއި މައުލޫމާތު ހިއްސާކުރެއްވި ސޯސްއިން ބުންޏެވެ.
ދައުލަތުގެ އިދާރާއަކަށް ދޮގުމައުލޫމާތު ދެއްވާފައިވާކަމަށް ބުނާ މިމައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޮއިސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެމުއާމަލާތަކީ އޭސީއަށް ރަނގަޅަށް އެގިގެން އޭސީސީން އެކަމުގައި ދިން ލަފައާއި އެއްގޮތަށް އޭރު ހިގައިދިޔަކަމެއްކަމަށެވެ. " އަޅުގަނޑުއަތުގައި އޮންނާނެ އޭސީސީއާއި އަޅުގަނޑާއިދެމެދު އެމައްސަލާގައިވެފައިވާ އެއްބަސްވުމެއް. ދޮގުހަދާ މަކަރު ހަދާފައިވާކަމަށް ބުނާނަމަ އެއީ ބަޔަކު ފަތުރާ ޕްރޮޕެގެންޑާއެއް" ޔާމީން ވިދާޅުވެފައިވެއެވެ.
އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓަށް ފައިސާލީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާއިން ޑޮލަރުގަނެގެންކަމަށާއި އެއްމިލިޔަންޑޮލަރަށްވާ ދިވެހި ފައިސާ ހަމަޖައްސަވައިދެއްވުމުން ޑޮލަރު ހޯއްދަވައިދެއްވީ ޒަމީރުކަމަށްވެސް ޔާމީން އެއިންޓަވިއުގައި ވިދާޅުވެފައިވެއެވެ. " އެފައިސާތައް އަދިވެސް އެހެރީ އޭސީސީގެ ބެލުމުގެ ދަށުގައި" ޔާމީން ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓްގައި ހުރި އެއް މިލިޔަން ޑޮލަރުގައި އަތް ނުލުމަށް އޭސީސީން އަންގާފައިވާތީ އެމްއައިބީގެ އެކައުންޓްގައި ހުރި އެއް މިލިޔަން ޑޮލަރުވެސް ހުރިގޮތަށް ހުރީއެވެ. އެއެކައުންޓްވަނީ ފްރީޒްކޮށްފައެވެ. އެހެންވީމާ ރައްޔިތުންގެ އެއެއްމިލިޔަން ޑޮލަރުވެސް އެހެރީ ފްރީޒްކުރި ފަރާތާއި ފްރީޒްކުރުމަށް އަމުރުކުރި އިދާރާއެއްގެ ބާރުގެ ދަށުގައެވެ. އަދި އޭސީސީގެ ބާރު ހިގާގޮތަށް އުފެއްދި އެކައުންޓަށް ޔާމީންގެ އަމިއްލަ ފައިސާއިން ލީ އެއްމިލިޔަން ޑޮލަރުވެސް ހުރީއެވެ.
ވޮއިސްއަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހުރިހައި އެކައުންޓްތަކެއްހެން ފްރީޒްކޮށްފައިވާތީ އަމިއްލަފުޅު ކަންކަންކުރައްވަން މީހުންގެ އަތުން ފައިސާ ބޮރޯކުރައްވަންޖެހޭ ހިސާބަށްގޮސްފައިވާކަމަށެވެ.
ދައުލަތުގެ އިދާރާތަކަށް ދޮގުމައުލޫމާތުދެއްވި މައްސަލައެއް ފުލުހުން ބަލާކަމަށް ނޫހަށް އެގިފައިވާކަމަށް ލިޔެފައިވަނީ އާއްމު މީހަކު ދިން މައުލޫމާތުތަކަކުންކަން ގަބޫލުކުރަން ދައްޗެވެ. ފުލުހުން ބަލާކަމަށް ކަނޑައެޅިގެން ބުނަން އެގޭނީ ފުލުހުންގެތެރެއިން މައުލޫމާތު ދިން ފަރާތަކުން ދީގެންނެވެ. އެއީ ތަހްގީގު ހިންގަނީ ފުލުހުންކަމަށްވުމާއެކު ފުލުހުން ޔަގީންކޮށްނުދެނީސް މިފަދަ ހައިޕްރޮފައިލް މައްސަލައެއް އާދައިގެ ބަޔަކު ދައްކާ އަޑުއަހައިގެން ރިޕޯޓްކޮށްފާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. އެކަމަކު ފުލުހުންގެ ފަރާތުން ރަނގަޅު ނޫން މައުލޫމާތެއް ޕަބްލިކަށް ހާމަކޮށް ޕްރޮޕެގެންޑާއެއް ފަތުރުމުގެ ބޭނުމެއް ނޯންނާނެއެވެ. އެއީ ފުލުހުންގެ މުއައްސަސާއާއި އެކަށީގެންވާކަމަކަށްނުވާތީއެވެ. އެކަމަކުވެސް އެކްޓިން ޕޮލިސް ކޮމިޝަނަރ ޔާމީންގެ މައްސަލާގައި ނޫހެއް މެދުވެރިކޮށް ދެއްވާފައިވާ އިންޒާރަކީ ފިކުރު ހިންގައިލެވިދާނެ އިންޒާރެކެވެ.
އެމްއެމްޕީއާރްސީގެ ވައްކަން އަބްދުﷲ ޔާމީނާއި ގުޅެނީ ކިހިނެތް؟
ރައީސް އަބްދުﷲ ޔާމީން ސައޫދީއަރަބިއްޔާއަށް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު މާލެވަޑައިގަތް ފިނިފެންމާ ލޯންޗްކޮޅުގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ބޮމެއް ގޮއްވައިލިއެވެ. އެހާދިސާގެ ތަހްގީގުތައް ފެށި ނާއިބް ރައީސް އަހުމަދު އަދީބްގެ މައްޗަށް ތުހުމަތުކުރެވި ރައީސް ޔާމީނާއި އަދީބާއި ދެމެދު ގުޅުންތައް ގޯސްވެފައިވަނިކޮށް ޖެހިގެން އައި އޮކްޓޫބަރ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10.30 ގައި އެސްއޯއެފުން އެމް.އައި.ބީގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ ޑޮލަރު އެކައުންޓަށް ދެތިން ހަތަރު މިނިޓްތެރޭގައި ދެފަހަރެއްގެމަތިން އެއް މިލިޔަން ޑޮލަރުގެ ޗެކުން ޖަމާކުރިއެވެ. އޭގެ އެއްދުވަސްފަހުން ޗައިނާގައި އޮތް ޓްރޭޑް ކޮންފަރެންސަކަށް އަދީބް ފުރާވަޑައިގަތެވެ. އަދި އެދަތުރަށްފަހު އޮކްޓޫބަރމަހު 24 ވަނަ ދުވަހު އަދީބް އެބުރި މާލެވަޑައިގަތުމުން ފުލުހުން އޭނާ ހައްޔަރުކުރިއެވެ.

މިނިވަންނޫހާއި އަދި އެނޫހަށް ފަހު އުފެއްދި މޯލްޑިވްސް އިންޑިޕެންޑެންޓްގައި މަސައްކަތްކުރި ވިލް ޖޯޑަން އަލްޖަޒީރާއާއި ގުޅުމަށްފަހު އެމްއެމްޕީއާރްސީގެ ވައްކަމާއިބެހޭގޮތުން އޭނާ ތައްޔާރުކުރި ސްޓީލިން ޕެރަޑައިޒްގައި ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ލިގޮތާއިބެހެގޮތުން އެސްއޯއެފުގެ މުގުލުގައިހުރި އައްލާމް ކިޔައިދީފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެ ދެ ޗެކު ޖަމާކުރީ އަދީބު އަންގަވައިގެން ކަމަށެވެ.
"އަވަސް އަރުވާލައިގެން އެ މުއާމަލާތް ހިންގީ. ދެތިން ގަޑިއިރުގެ ތެރޭގައި ޖަމާވެއްޖެ،" އޭނާ ބުނެފައިވެއެވެ. މިވާހަކަ މިހާރު ނޫހުގެ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ އަދަދުގައި ސްޓީލިން ޕެރެޑައިޒާއިބެހޭގޮތުން ލިޔުނު ރިޕޯޓްގައި ތަފްސީލުކޮށް ގެނެސްފައިވެއެވެ. އައްލަމަކީ އެމްއެމްޕީއާރްސީގެ 70 މިލިޔަން ޑޮލަރު އެސްއޯއެފަށް ކަހާލުމުގައި އެންމެ އިސްކޮށް އަދީބާއެކު މަސައްކަތްކުރި މީހާއެވެ. އޭނާގެ ވާހަކައިން އެގެނީ ޔާމީންގެ އެކައުންޓަށް އަދީބު އަންގައިގެން އެއްމިލިޔަން ޑޮލަރު ޖަމާކުރީ ފިނިފެންމާލޯންޗްގެ މައްސަލާގައި އަދީބާއި ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އެންމެފަހު ދަތުރުގައި ޗައިނާއަށް ފުރަމުންކަމެވެ.
އަދީބުގެ އިންޓެންޝަނަކީ ކޮބައިކަމެއް ނޭނގެއެވެ. އަދި އަދީބު މިލިޔަން ޑޮލަރުލާފައިވާކަން އެނގިވަޑައިގަންނަވާނަމަ އޭސީސީ ވަންނަންދެން އެކައުންޓަށް ކަމެއް ނުކުރައްވައި ޔާމީން ހުންނަވަފާނެބާއޭވެސް ސުވާލު އުފެދެއެވެ. މިމައްސަލާގައި ޔާމީނާއި އަދީބުވަނީ އޭސީސީގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ސްޓީލިން ޕެރަޑައިޒްއަށް ބިނާކޮށް މިހާރު ނޫހުގެ ސެޕްޓެމްބަރ 7 ގެ އެނައިލިސިސްގައި ބުނެފައިވަނީ ޔާމީނާއި އެމްއެމްޕީއާރްސީގެ ވައްކަމާއި ގުޅުވެން އޮތީ އެމްއައިބީގެ އެކައުންޓަށްލީ ފައިސާއާއި ހަމައިން ކަމަށެވެ. އޭގެއިތުރަށް ދެން އޮތް ހަމައެކަނި ލިންކަކީ އެސްއޯއެފްގެ ތިން މީހަކު ޔާމީނަށް ފައިސާދޭކަމަށް ބުނާ ބުނުމެކެވެ. އެކަން ސާބިތުކޮށްދޭނެ ހެކިތަކެއް ނެތެވެ.
ސްޓީލިން ޕެރަޑައިޒްއިން ގެނެސްދިން ލީކުވެފައިވާ އަދީބާއި އެމްއެމްޕީއާރްސީގެ އެމްޑީ ޒިޔަތުގެ މެސެޖްތަކުގައި ވައްކަމާގުޅޭ ވާހަކަ ދެބޭފުޅުން ދައްކަވާފައިހުރިނަމަވެސް ޔާމީންގެ ވާހަކަ އެކޮންވަޒޭޝަންގައި ގެނެސްފައިނުވެއެވެ.
ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްގެން ހިންގާ ތަހްގީގުން ޔާމީންގެ މައްޗަށް ސީރިޔަސް އެކިއުޒޭޝަނެއް ޑިވެލޮޕްކުރެވޭފަދަ ކުރިއެރުމެއް ނުލިބިގެން އުޅެނީ ކަންކަން މިގޮތަށް ގޮސްފައި އޮތުމުންކަމަށްވެދާނެއެވެ.
އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންދޫކޮށްލެވިފައިވަނީ ކީއްވެ؟
އެމްއެމްޕީއާރްސީގެ 79 މިލިޔަން ޑޮލަރު ( 1.2 ބިލިޔަން ރުފިޔާ) ގެ ޚިޔާނާތުގެ މުގުލުގައި އޮތީ އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏެކެވެ. އެކުންފުނި ހެދީ ކުރީގެ މިއުޒިކް ބޭންޑް ސްކޯޒް އޮފް ފްލެއާގެ ލަވަކިޔުންތެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ އެކުވެރިންތަކެއް ގުޅިގެންނެވެ.
ބޭންޑުގެ ބައެއް މެމްބަރުންނަކީ ވެސް ކުންފުނީގެ ހިއްސާދާރުންނެވެ. އެމްއެމްޕީއާރްސީގެ ރަސްމީ އޮޑިޓުގެ ވާހަކަ ލިޔެފައިވާ ނޫސްތަކުން ބުނެފައިވަނީ 79 މިލިޔަން ޑޮލަރުގެތެރެއިން 70 މިލިޔަން ޑޮލަރު ވަދެފައިވަނީ މި އެސްއޯއެފްގެ އެކައުންޓްތަކަށް ކަމަށެވެ. އެސްއޯއެފަށް ފައިސާ ވައްދައިދެނީ އަދީބެވެ.

އެސްއޯއެފްއިން އެމްއެމްޕީއާރްސީގެ ފައިސާ ބަހާފައިވާ މީހުންގެ ނިސްބަތް 40 އަށްވުރެ މައްޗަށް އަރާކަމަށް ނިއުސްރިޕޯޓްތައްބުނެއެވެ. 70 މިލިޔަން ޑޮލަރުގެތެރެއިން އަދީބު އަންގަވައިގެން އެސްއޯއެފުން ބެހި އެއްޗެއް ބެހީ ދަބަސްތަކަށް ފައިސާއަޅައިފުރައިގެންގޮސްކަމަށް އެމީހުން ކިޔައިދީފައިވެއެވެ.
ވައްކަމުގެ މައްސަލަ ފަޅާއެރުމާއެކު މުގުލުގައި ތިބި މިމީހުންވަނީ ޔޫރަޕްގެ ގައުމުތަކަށް ފިލައިގެންގޮސްފައެވެ. އަލްޖަޒީރާގެ ރިޕޯޓް ތައްޔާރުކުރި މީހުންވަނީ އެމީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ. ޔާމީންގެ ސަރުކާރު ބަދަލުވުމަށްފަހު އާސަރުކާރުން އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާތައް ހޯދަން ބޭނުންނަމަ އެސްއޯއެފްގެ މިމީހުންނާ ހަމައަށް މިހާރު ނުދެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ޔޫރަޕްގެ ކޮންމެ ގައުމެއްގައި ތިއްބަސް އާ ސަރުކާރާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮތް ގާތްގުޅުންތަކަށް ވިސްނާއިރު މިމީހުންނާ ހަމައަށް ސަރުކާރަށް ވާސިލުވެވޭނެއެވެ.
އަދާލަތުގެ ކުރިމައްޗަށް އެމީހުން ގެނެވެންވާނެއެވެ. ދައުލަތުގެ ފައިސާއިން ވައްކަންކޮށްގެން ޔޫރަޕްގެ ގައުމުތަކުގައި އުދުހި، މަޖާކޮށްހަދަން ބޭތިއްބުމުގެ ފުރުސަތު އެންމެ ދުވަހަކުވެސް ދެވިގެން ނުވާނެއެވެ. އެހެންނަމަވެސް މިހާތަނަށް އެމްއެމްޕީއާރްސީގެ ވައްކަމާއި އަދީބާއި ގުޅިފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި މިމީހުންނާ ހަމައަށް ވާސިލުވާން މަސައްކަތްކުރުމުގެ ބަދަލުގައި މޯލްޑިވްސް ޕޮލިސްގެ ފޯކަސް ހުރީ ރައީސް އަބްދުﷲ ޔާމީނަށެވެ.
ޔާމީންގެ އެކައުންޓަކަށް ވަދެފައިވާ އެއްމިލިޔަން ޑޮލަރެއްގެ ހަގީގަތް ދެނެގަތުމަށެވެ. 70 މިލިޔަން ޑޮލަރު ދިވެހި ދައުލަތަށް އަބުރާ ހޯދުމަށް ކުރާ މަސައްކަތެއް އަދި ނުފެނެއެވެ. ކޮމިޝަން އެކުލަވާލުން ފިޔަވައެވެ. އަދި ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރުން ފިޔަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް