"މިނިވަން މެމްބަރަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް، ޕާޓީ އަކާއި ގުޅެން ތައްޔާރު"
ރައްޔިތުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެހެންވެ ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ހޯދުމަށް ސިޔާސީ ޕާޓީއަކާ ގުޅިގެން ޖެހިއްޖެ ނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި 19 ވަނަ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ އިންތިޚާބީ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
މިހާރު ވެސް ވިލިނގިލީ ދާއިރާގެ މަޖިިލިސް މެންބަރުކަން ކުރައްވަމުން ގެންދަވާ ސައުދު މިހެން ވިދާޅުވީ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިވަން މެންބަރުންނަށް މަޖިލީހުގެ ތެރެއިން ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި ގޮތުގައި މިނިވަން މެންބަރުންނަށް މަޖިލީހުގެ ބަހުސް ގައި ބައިވެރިވުމަށް ލިބޭނީ ވެސް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މިނިވަން މެންބަރުންގެ ހިއްސާ ކުޑަކަން ސައުދު ވަނީ ފާހަގަކުރައްވާފައެވެ.
"ތެދުތެދަށް ބުނަންޏާ މިނިވަން މެމްބަރަކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރޭ ހުރެގެން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނެތް." ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވި ގޮތުގައި މަޖިލީހުގައި މިނިވަން މެންބަރުންނަށް ގޮންޖެހުންތައް ހުރި ނަމަވެސް އެބޭފުޅާ މަސައްކަތގް ކުރައްވާނީ މަޖިލީހުގެ ތެރެއިން އެކަންތައް ބަދަލުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ސައުދު ވަނީ މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދި އެމްޑީޕީ އިން މަޖިލިސް އިންތިޚާބުގައި ހުށަހެޅި "އެޖެންޑާ19" ސިޔާސަތު ތަންފީޒު ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް