ޗައިނާއާއެކު ގާތްގުޅުންތަކެއް ބާއްވަންޖެހޭކަމަށް ކުރީގެ ރައީސް ޑޮކްޓަރ ވަހީދު ވިދާޅުވެއްޖެ
ދިވެހި ރާއްޖެއިން ޗައިނާއާއެކު މީގެކުރިން ބާއްވާފައިވާ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަން ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ފާހަގަކުރައްވައިފިއެވެ.
ފޭސްބުކް ޕޯސްޓެއްގައި ޗައިނާއިން ދުނިޔޭގެ އެއްވަނަ އިގްތިސާދަށް ޖެހިލައިފިކަމަށް ދައްކައިދޭ " ދަ އިކޮނޮމިސްޓް" ގެ އާޓިކަލެއް ޝެއަރކުރައްވަމުން ވަހީދު ލިޔުއްވާފައިވަނީ ޗައިނާއާއިމެދު އިގްނޯރކުރުމަކީ އެއްވެސް ގައުމަކަށް އެފޯޑްކުރެވޭނެކަމެއް ނޫންކަމަށެވެ. ދިވެހި ރާއްޖެ ޗައިނާއަށް ޑިޕެންޑް ވެފައިވަނީ ޗައިނާއިން ނަގާފައިވާ ދަރަނީގެ ސަބަބުން ނޫންކަމަށާއި އެކަމަކު ޗައިނާއިން ރާއްޖޭގެ ޓޫރިޒަމްގައި ޝެއަރކޮށްފައިވާ މިންވަރު އިތުރުވަމުންދާތީއެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އަންނަ އެއްމިލިޔަން ފަތުރުންވެރިންގެތެރޭގައި ޗައިނާއިން ތިން ލައްކަ ފަތުރުވެރިން ހިއްސާކުރެއެވެ. ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިތައް ހިފަހައްޓައިދެނީ ޗައިނާގެ ފަތުރުވެރިންނެވެ.
ދިވެހި ރާއްޖެ މިނިވަންވުމާއެކު އެންމެ ފުރަތަމަ ދިވެހި ރާއްޖެއަށް މަރުހަބާކިޔައި ރާއްޖެއަށް ޗައިނާގެ ސަފީރަކު ހަމަޖައްސައިދީ ދިވެހި ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް ޗައިނާވެފައިވެއެވެ. އަދި 2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރަށާއި އޭގެފަހުން އައި ވަހީދުގެ ސަރުކާރާއި އަދި އަބްދުﷲ ޔާމީންގެ ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެންމެ ބޮޑެތި ލޯންތައް ފޯރުކޮށްދީފައިވަނީ ޗައިނާއިންނެވެ.
އެމްޑީޕީގެ މިހާރުގެ ސަރުކާރުންދަނީ އެންމެފަހުން އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގައި ޗައިނާއިން ދީފައިވާ ލޯންތަކާއި އެގައުމާއެކު ހަދާފައިވާ އެއްބަސްވުންތައް މުރާޖައާކުރަމުންނެވެ. އަދި އިންޑިޔާވަންތަ ސިޔާސަތެއް ހާމަކޮށް ޗައިނާއަށް ކުރި ތުހުމަތުތަކަށްފަހު ދެގައުމުގެ ޒަމާންވީ ގުޅުމަށް ނުތަނަވަސްކަން ވެރިވުމަށްފަހު ޗައިނާއާއި އަލުން ގުޅުން ބަދަހިކުރަން ބޭނުންވާކަން މިހާރު ފާޅުކުރަމުންގެންދާކަން ފާހަގަކުރެވެއެވެ.
ރައީސް ވަހީދު ވިދާޅުވެފައިވަނީ ޗައިނާއަށް ދޭންޖެހޭ އަހަމިއްޔަތު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ސަބަބަކީ ޗައިނާގެ ތަރައްގީގެ ސަބަބުން ދުނިޔޭގެ ތަރައްގީއަށް ކުރިއެރުން ލިބެމުންއަންނާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް