އެޕްރީލްމަހުން ފެށިގެން ދިވެހިންނަށް ލަންކާއިން އާސަންދަ ލިބެނީ
މިއަހަރުގެ އެޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ދިވެހިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އެމްބަސީގައި އޮތް މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށާއި އެ ޚިދުމަތް އަވައްޓެރި އެހެން ގައުމުތަކުގައި ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމަނިކުފާނު ވަނީ ކޮޅުނބުގައި ތިއްބެވި ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމުގެ ހަޔާތަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހޯދުމުގައި އެންެމެ ބޮޑު އެހީއެއް ވެދެއްވީ ސްރީލަންކާގެ ފަރާތުން ކަމަށާއި، ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލްކުރާނޭ އޮފީހެއް އެންެމެ ފުރަތަމަ ހުޅުވީވެސް ކޮޅުނބުގައި ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ލަންކާގައި އުޅޭ ދިވެހިންނަކީ ލަންކާގައި ރާއްޖެ ތަމްސީލްކުރާ މަންދޫބުންތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެހެންކަމުން ދިވެހިންގެ އުޅުން ބަހައްޓަންވާނީ ދެގައުމުގެ ގުޅުންތައް ބަދަހިވާނޭ ފަދަ ގޮތަކަށްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް