ވަކިން ސިނގިރޭޓު ވިއްކުން ރައީސް ޞާލިހު މަނާކުރައްވައިފި
ވަކިން ސިނގިރޭޓު ވިއްކުން މަނާކުރާ "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެމަނިކުފާނު މި ގަވާއިދު ތަސްދީގުކުރައްވާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިއަދު ހަވީރު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރު އެންެމެ ގިނައިން މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކޮންެމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މަރުވަނީ ކެންސަރ، ހިތުގެ ބަލި އަދި ސްޓްރޯކް ފަދަ ކަންކަމުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބަލިތައް މީހުންނަށް ދިމާވާ މައިގަނޑު އެއް ހިރާސްއަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އާސަންދައިން ކޮންމެ އަހަރަކު އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަންކަމަކީ ދުންފަތާއި ގުޅުންހުރި ކަންތައްތައްކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ރާއްޖޭގައި އާންމުވަމުން ދާއިރު އެކަމަށް މީހުން ހޭލުންތެރިކުރުވައި ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއްކަމަށް ބަޔާންކުރައްވާފައެވެ. އަދި އެހެންމެ، އެއީ މި ސަރުކާރުގެ ވައުދެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ތަސްދީގުކުރެވުނު ގަވާއިދާއި އެކު، ސިގިރޭޓް ވިއްކުން ހުއްޓާލުމުގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި މަންޒަރު ހިމެނޭ ސިއްހީ އިންޒާރު ޖަހަން ޖެހޭނެއެވެ. މި ގަވާއިދަށް އަމަލުކުރަންޖެހޭނީ މެއި 31 އިން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް