ރައްޔިތުންގެ އުންމީދުތައް ހަގީގަތަށް ހަދައިދިނުން ވާޖިބު: ރައީސް ނަޝީދު
ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަކީ ރާއްޖޭގެ ސިޔާސީވެރިންގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ވިލުފުށީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފްގެ ކެމްޕެއިން އިފްތިތާހުކުރުމަށް އޮތް ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަކީ ރާއްޖޭގެ ސިޔާސީ ވެރިންގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށެވެ. ދިވެއްސަކަށް ވީތީވެ، ފައި ހަމަކުރާނެ ތަނެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބެން ޖެހޭ ކަމީ މިއަދުގެ އެއްވެސް ދިވެހި ސިޔާސީ ލީޑަރެއް، ސިޔާސީ ވެރިއެއް ގަބޫލުނުކުރާނެ ވާހަކައެއް ނޫންކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކަކީ ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދައިދޭނެ ވައުދުތަކެއް ކަމާމެދު ހަމަގައިމުވެސް އެމަނިކުފާނުގެ ހިތުގައި ޝައްކެއް ނުއުފެދޭކަމަށާއި އެ ވައުދުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ފުއްދޭނީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންކަމަށެވެ.
އަދި އެމްޑީޕީއަކީ ވައުދުވެ، އެވައުދުތައް ފުއްދާނެ ޕާޓީއެއްކަން ރައްޔިތުންނަށް ސާފުވާނެކަމަށްވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް