އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އޮފިޝަލުން ބަންގްލަދޭޝަށް
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އޮފިޝަލުން އިއްޔެ ބަންގްލަދޭޝަށް ފުރައިފިއެވެ.
މި ދަތުރަކީ އެގައުމަށް އެރި ތޫފާން " ބުލްބުލް" ގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ގެދޮރު އިމާރާތްކޮށްދިނުމަށް އައިއޭސީގެ ފަރާތުން ހިންގާ "މެންޑިން ލައިވްސް" ގެ ޕްރޮޖެކްޓް ހިނގާގޮތް އަމަލީގޮތުން ބެލުމަށްޓަކައި ކުރާ ދަތުރެކެވެ.
މި ދަތުރުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރާ ގެއެއް ހެދުމުގެ މަސައްކަތުގައި އައިއޭސީގެ ޓީމް އަމަލީގޮތުން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރ ގައި ބަންގްލަދޭޝްއަށް އެރި މި ތޫފާނުގެ ސަބަބުން 2.1 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު މީހުން ދިރިއުޅުނު 4000 ގެ ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި 289,006 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާއިރު މިއީ ބަންގްލަދޭޝްގެ ދަނޑުބިމުގެ 14 އިންސައްތައެވެ. މީގެއިތުރުން 72,000 މެޓްރިކްޓަނުގެ ގޮވާންވަނީ ހަލާކުވެފައެވެ. މިއީ ފައިސާގެ ގޮތުން އަގު ކުރާނަމަ $31 މިލިއަން ޑޮލަރެވެ.
މިކަން ހައްލުކުރުމަށްޓަކައި މިކަން ހިނގި ދުވަސްތަކުގެ ތެރޭގައި އައިއޭސީގެ ފަރާތުން ވަގުތުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްވަނީ ފަށާފައެވެ. މި ގޮތުން އިމާރާތްކުރާ ވަގުތީ ހިޔާގެ ތެރެއިން 3 ގެއެއްގެ މަސައްކަތް ނިމިފައިވާއިރު 4 ވަނަ ގޭގެ މަސައްކަތް ވަނީ ފަށާފައެވެ. ހަމައެހެންމެ މި ދަތުރުގައި އިތުރު 3 ގެއެއްގެ މަސައްކަތް ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
އައިއޭސީގެ ފަރާތުން މިހާރު ކުރިއަށްގެންދާ "ވިންޓާ ޕްރޮޖެކްޓް" ގެ ދަށުންވެސް ބަންގްލަދޭޝް އަދި ރޮހިންޔާގެ އިތުރުން ޔަމަން، ފަލަސްތީން އަދި ސީރިޔާއަށް އެހީވުމަށްވަނީ ހަމަޖެހިފައެވެ. މިއެހީގެ ދަށުންވެސް ބޯހިޔާވަހި ކަމާއި، ކާނާ އަދި އަންނައުނު ފަދަ ތަކެތި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް