"އަލަދީން" ފިލްމުން ވިލް ސްމިތް ގެ އަވްތާރް މީހުން ސިއްސުވާލައިފި!
"ޑިޒްނީ" އިން ވަނީ އެ ކުންފުނިން 1992 ވަނަ އަހަރު ރިލީޒް ކުރި އެނިމޭޓެޑް ފިލްމު "އަލާދީން" އަލުން އުފައްދަން ނިންމާ، އާ ފިލްމުގެ ޓްރެއިލާރ ތަކެއް އާންމުންނާ ހިއްސާކޮށްފައެވެ.
ލައިވް-އެކްޝަން، ނުވަތަ އެނިމޭޝަންގެ ބަދަލުގައި އަސްލު ފަންނާނުން ހަރަކާތްތެރިވާގޮތައް ތައްޔާރުކުރެވޭ "އަލަދީން" ފިލްމަކީ ގިނަ ޒުވާނުންތަކެއް އެންމެ ކުޑައިރުންސުރެވެސް ލޯބިކުރާ ޖާދުއީ ވާހަކައަކަށް އާ ދިރުމެއް ގެނެސްދޭނެ އުފެއްދުމެއްކަން ޤަބޫލުކުރެވެއެވެ.
އެހެންނަމަވެސް، ޑިސްނީއިން އެންމެ ފަހުން ނެރުނު "އަލަދީން" ގެ ޓްރެއިލަރާއި ގުޅިގެން ފޭނުން ދަނީ މީސް މީޑިއާގައި ފިލްމުން ފެނިގެންދާނެ "ޖީނީ" ކެރެކްޓަރާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި އަހަރުގެ މޭ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އަލަދީން ފިލްމުން ޖީނީގެ ބައިން ފެނިގެންދާނީ ތަޖުރިބާކާރު އެކްޓާރ ވިލް ސްމިތްއެވެ. އަދި ޖީނީގެ ޚިޔާލީ އަވްތާރުގައި އޭނާ ދައްކުވައިދޭ އަލަދީން ގެ އެންމެ ފަހު ޓްރެއިލާރަށް ބެލުންތެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މީސް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދާ ފަރާތްތައް ދަނީ ވިލް ސްމިތް ގެ ޖީނީ ހީވަނީ ބިރުވެރި ހުވަފެނަކުން ފެނިދާނެކަހަލަ އެއްޗެއްކަމަށް ސިފަކޮށްފައެވެ.
ވިލް އަކީ އޭނާގެ އެކްޓިންގް ގައި އަބަދުވެސް ބިރުކުޑަ ފަންނާނެއްކަން ފާހަގަކޮށްލެވޭއިރު، މިހާ ތަފާތު ރޯލެއް އޭނާއަށް ބޮޑު ސްކްރީނުން ދައްކުވައިދޭން ކެރުނީތީ މީސް މީޑިއާގައި ވިލް އަށް ތަޢުރީފްކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.
ޑިސްނީގެ އަލަދީން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. މި ފިލްމުން އަލަދީން ގެ ރޯލުން ފެނިގެންދާނީ ކެނެޑާއަށް ނިސްބަތްވާ އެކްޓާރ މެނާ މަސްއޫދެވެ. އަދި އޭނައާއި ވިލް ސްމިތް ގެ އިތުރުން ޖޭސްމީނުގެ ކެރެކްޓާރ އިން މި ފަހަރު ފެނިގެންދާނީ އިނގިރޭސި އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ނައޯމީ ސްކޮޓް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް