ނޫސްވެރިޔާ ޝާހުގެ ސައިކަލް ވަގަށްނެގި މީހާ ހިފީ ރެޑްހޭންޑެޑްކޮށް!
މާލޭގައި މީހުން ދުއްވާ ސައިކަލްތައް ވަގަށްނެގުމަކީ އާންމުގޮތެއްގައި ބަޔެއް މީހުން ކޮށްއުޅޭ ކަމެކެވެ. ސައިކަލުގެ ހުންގާނު ރަނގަޅަށް ތަޅުނުލެވި ހުރުމާއި، ޑަބަލް ކީ އޮތުމުގެ ނަތީޖާއެއްގެ ގޮތުން ދެތިން މިނެޓްގެ ތެރޭގައި ސައިކަލްތައް ވަގަށް ނަގައިގެން ދެއެވެ.
މި ގޮތަށް ވަގަށްނެގޭ ސައިކަލްތައް އެ ސައިކަލްތަކުގެ ވެރިންނަށް ލިބޭނީ މަދު ފަހަރެއްގައެވެ. ފުލުހުންނަށް މައްސަލަ ހުށައެޅުމުގެ އިތުރުން ސޯޝަލް މީޑިޔާގައި ސައިކަލް ހޯދުމުގެ އެހީއަށް މީހުން ޕޯސްޓްކުރެއެވެ.
މިފަހަރު ގެނެސްދޭން މިއުޅެނީ ގެއްލުުނު ސައިކަލެއް ފެނުނު ގޮތުގެ ވާހަކައެވެ. ވީޓީވީގެ ސްޕޯޓްސް ޖާނަލިސްޓް އިސްމާއިލް ޝާހު ވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ޕާކްކޮށްފައި ހުއްޓާ އޭނާގެ ސައިކަލް ގެއްލުނު ވާހަކަ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.
އިއްޔެ މެންދުރު ކުރި މި ޕޯސްޓަށްފަހު ރޭ ފެނުނީ އެ ސައިކަލު ވަަގަށްނެގި ފަރާތްތައް ރެޑްހޭންޑެޑްކޮށް އަތުލައިގަތް ކަމުގެ ޕޯސްޓެކެވެ. އެމީހުން ޝާހުގެ ސައިކަލު މަތީގައި އިން ފޮޓޯއެއް އޭނާ ވަނީ ހިއްސާކޮށްފައެވެ. އަދި އެއާއި އެކު އެއީ ކުރިންވެސް ސައިކަލު ވަގަށް ނަގައި އުޅޭ ބައެއްކަމާއި އެމީހުންނާއި މެދު ސަމާލުވުމަށް އޭނާ އެދިފައިވެއެވެ.
ކުރިންވެސް ސައިކަލު ވަގަށް ނަގާ ބަޔަކު މުޖުތަމައު ތެރޭގައި ދޫކޮށްލާފައި ތިބީ ކީއްވެގެންބާވައެވެ؟ އެމީހުންގެ ކުށުން މީހެއްގެ ފުރާނައަށް ގެއްލުންނުވާތީބާވައެވެ؟ ނުވަަތަ މުދަލަކީ ބަދަލުކުރެވޭނެ އެއްޗަކަށް ވާތީ ހެއްޔެވެ؟ މިގޮތަށް އަގުބޮޑު ސައިކަލު ވަގަށް ނަގާ ކިތައް މީހުން އުޅޭހެއްޔެވެ؟ އެމީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވެނީ ކީއްވެތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް