ދިވެހިން ދިރިއުޅޭ އިމާރާތެއްގައި ލަންކާ ސިފައިން ފޯރިމަރަނީ
ސްރީ ލަންކާގައި އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ހޯދުމަށް ހިންގާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ދިވެހިން ދިރިއުޅޭ އިމާރާތެއް އެ ގައުމުގެ ސިފައިން ފޯރިމަރަން ފަށައިފިއެވެ.
ލަންކާގެ ނޫސް ރިޕޯޓްތައް ބުނާގޮތުގައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މައުންޓް ލެވީނިއާގައި ހުންނަ މަތީ ފެންވަރުގެ 11 ބުރީގެ އިމާރާތެކެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އިމާރާތުގައި ދިވެހި ދެ އާއިލާއެއް ދަނީ ދިރިއުޅެމުންނެވެ.
ލަންކާ ސިފައިން އެ އިމާރާތަށް ވަދެ ގިނަ އެޕާޓްމަންޓްތައް ފާސްކޮށްފައިވާއިރު އޭގެ ތެރޭގައި ދިވެހިން އުޅޭ އެ އިމާރާތުގެ 11 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތައް ވެސް ހިމެނެއެވެ.
ލަންކާ ސިފައިން ބަލައި ފާސްކުރަމުން ގެންދާ އެޕާޓްމަންޓަކުން ބޮމެއް ފެނުނު ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވީ ނަމަވެސް އެފަދަ މައުލޫމާތެއް ލަންކާގެ ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ ސަންޑޭ އާއި ދިމާކޮށް ލަންކާގެ އެކި ތަންތަނުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކުގައި 290 މީހުން ވަނީ މަރުވެފައެވެ. އަދި ހަމަލާތައް ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 24 މީހަކު ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް