ބުޅާ މަދުކުރުމަށް ނިންމި ނިންމުން ބާތިލްކޮށްފި
ރ.އުނގޫފާރުގައި ދިރިއުޅެމުންދާ ބުޅާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާކަމަށްބުނެ، ބުޅާ މެރުމުން ފައިސާދޭ ގޮތަށް ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
މިކަން އިއުލާންކޮށް ކައުންސިލުން މިރޭ ވަނީ ގަރާރެއް އާންމުކޮށްފައެވެ.
އެރަށު ކައުންސިލްގެ ތިން މެންބަރުން ސޮއިކުރައްވާ ނެރުނު ގަރާރުގައި ވަނީ ބުޅަލުގެ އުނދަގޫ ކުޑަކުރުމަށް ނިންމި ނިންމުމަށް ކައުންސިލުން އާންމުކުރި އިއުލާނާއި ގުޅިގެން އެކި އިދާރާތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެ އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އެލްޖީއޭއިން ކަންބޮޑުވުން ފާޅުކުރިކަމަށް އިއުލާންގައިވެއެވެ.
އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބުޅަލުގެ އުދަގޫކުޑަކުރުމަށްޓަކާ ބުޅާ ހިފާ ކައުންސިލާއި ހަވާލްކުރުމުން ކޮންމެ 3 ބުޅަލަކަށް -/100 (ސަތޭކަ ރުފިޔާ) ދިނުމަށް ނިންމާފައިވާކަމަށެވެ.
ރާއްޖޭގެ މީޑިޔާއެއްކަމުގައިވާ "ސަން" އަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު ވިދާޅުވީ، ފައިސާ ލިބޭނީ ބުޅާ މަރާލުމަށް ފަހު ކައުންސިލާ ހަވާލުކުރުމުން ކަމަށެވެ.
ކައުންސިލްގެ މި ނިންމުމާއި ގުޅިގެން މިއީ އިންސާނިއްޔަތާއި ގާނޫނުލް އުގޫބާތާއިވެސް ޚިލާފު އަމަލެއްކަމަށްބުނެ، އެކަން ބާތިލްކުރުމަށް ގިނަބަޔަކު ގޮވާލިކަން ފާހަަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް