19 އަހަރު ފުރުނުއިރު، ދިވެހި ފިލްމީ އިންޑަރސްޓްރީގެ ރަސްކަމުގައި ޑާކްރެއިން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހި ފިލްމީ އިންޑަސްޓްރީގައި އެންމެގިނަ މީހުން ދަންނަ ޕްރޮޑަކްޝަން ހައުސްއަކީ ކޮބައިތޯ ބަލައިފިނަމަ ހަމަ ޔަގީނުންވެސް އެނަމަކަށް އަންނާނީ "ޑާކްރައިން އެންޓަރޓައިންމެންޓް" ގެ ނަމެވެ. ފިލްމީ އިންޑަރސްޓްރީގައި ވުޖޫދަށް އައިސް އުފެދުނީއްސުރެ އެންމެ ރަނގަޅު ޕްރޮޑަކްޝަން ހައުސްއެއްގެ ދައުރު އަދާކުރަމުން އަންނަނީވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޑާކްރެއިން އެންޓަރޓައިންމެންޓެވެ. ނަމަށް ބަލާލިނަމަވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.
ޑާކްރެއިން ވުޖޫދަށް އައިސްފައިވަނީ މީގެ 19 އަހަރުކުރިން، 2006 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ. ޑާކްރެއިނުން އެންމެފުރަތަމަ ފީޗާ ފިލްމެއް އުފައްދާފައިވަނީ، 2009 ވަނަ އަހަރު "ހެޕީ ބާރތު ޑޭ" އެވެ. އޭގެ ކުރިންވެސް ޑާކްރެއިނުންދިޔައީ ކުރު ފިލްމުތަކާއި މުނިފޫހިފިލުވުމުގެ އެކި އުފެއްދުންތައް ޓީވީތައް މެދުވެރިކޮސް ގެނެސްދެމުންނެވެ.

ދިވެހި ފިލްމީ ދާއިރާގެ އެވޯޑްތަކަށް ބަލާއިރު މިހާތަނަށް އެންމެގިނަ އެވޯޑް ހާސިލްކޮށްފައިވާ ޕްރޮޑަކްޝަން ހައުސްއަކީ "ޑާކްރެއިން އެންޓަރޓައިންމެންޓް" އެވެ. ނިމިގެންދިޔަ މޯލްޑިވްސް ސޮސައިޓީ ފޮ ޕަރފޯމިންގް އާޓްސް (އެމްއެސްޕީއޭ) ފިލްމް އެވޯޑްސްއަށް އެކަނި ބަލާލިނަމަވެސް ޑާކްރެއިނުން ވަނީ 15 އެވޯޑް ގެންގޮސްފައެވެ. ބެސްޓް ފިލްމުން ފެށިގެން ބެސްޓް އެކްޓަރާއި، ބެސްޓް ޑައިރެކްޓަރުން ފެށިގެންގޮސް ޑާކްރެއިނުން ވަނީ މުހިންމު ގިނަ އެވޯޑްތައް ގެންގޮސްފައެވެ.

މޯލްޑިވްސް ސޮސައިޓީ ފޮ ޕަރފޯމިންގް އާޓްސް (އެމްއެސްޕީއޭ) އެވޯޑް ހަފްލާގައި ލިބުނު އެވޯޑްތަކާއެކު ޑާކްރެއިނަށް މިހާތަނަށް ލިބުނު އެވޯޑްތަކުގެ އަދަދު 69 އަކަށް އަރައެވެ.

އިއްޔެވެސް މިއަދުވެސް ޑާކްރައިން ފެންނަނީ ދިވެހި ސިނަމާއަށް އެންމެގިނަ އަދަދަކަށް ފިލްމް ނެރޭ ޕްރޮޑަކްޝަން ހައުސްގެ ގޮތުގައެވެ. މިކަން އެންމެ ރަނގަޅަށް އެނގިގެންދިޔައީ ކޮވިޑްފަހުން އައިސް ދުވަސްތަކުގައެވެ. ކޮވިޑާ ގުޅިގެން ފިލްމް ޕްރޮޑަކްޝަންތަކަށް މާލީގޮތުން އެންމެ ދަތިވެގެން ދިޔަ ދުވަސްވަރުވެސް ޑާކްރެއިނުން ދިޔައީ ދިވެހި ސިނަމާއަށް ފިލްމުތައް ނެރެމުންނެވެ. ފީޗާ ފިލްމްތަކުގެ އިތުރުން ޑާކްރެއިނުން ގެންދަނީ ކުރު ފިލްމާއި އަދި ޑްރާމާ ސީރީޒްތައްވެސް މެދުކަނޑުމެއްނެތި ނެރެމުންނެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގަ) ބުނީ، ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް މިހާހިސާބަށް އާދެވުނީތީ އުފާކުރާކަމަށާއި، ފިލްމު އުފައްދާ ހަމައެކަނި ބޭނުމަކީ ޓިކެޓް ވިއްކައިގެން ފައިސާ ހޯދަން އެކަނި ނޫންކަމަށެވެ. އެގޮތުން އެކިއެކި ކަންކަމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއްކަމަށް މޮގާ ފާހަގަކުރިއެވެ.
މީގެ އިތުރުން ތަފާތު ޖޯންރާތަކުގެ ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަކީވެސް ޑާކްރެއިނުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށްވެސް މޮގަ ފާހަގަކުރިއެވެ. އެގޮތުން ޑާކްރެއިނުގެ އެއްފިލްމާ އަނެއްފިލްމާ ތަފާތުވަނީ އެ ސަބަބަށްޓަކައިކަން މޮގާ ބުންޏެވެ. ޑާކްރެއިނަށް ބަލާއިރު، އެ ޕްރޮޑަކްޝަނުގެ މަސައްކަތްތައް ފެށިގެން މިހާތަނަށް އާއިރުވެސް އާއްމުން އެންމެބޮޑަށް ފާހަގަކުރާ އެއްކަމަކީ ޑާކްރެއިނުގެ ޓީމެވެ.

މޮގާ ބުނީ ކުރިއަށް އަންނަންވެސް މުހިއްމު ފިލްމުތަކެއް އެބަހުރިކަމަށާއި މިގޮތުން ސިނަމާއަށް ދެން އެންމެ އަވަހަށް އަންނާނީ، "އަލިފާން" ނަމަކަށް ކިޔާ ފިލްމެއް ކަމަށެވެ. މި ފިލްމަކީ އެކްޝަންތްރިލާ ޖޯންރާގެ ފިލްމެކެވެ.

މި ފިލްމްގެ މައިގަނޑު ރޯލްތައް ކުޅޭ ތަރިންގެ ތެރޭގައި މި ބާވަތުގެ ފިލްތަކުގެ ރޯލްތައް ކުޅުމަށް އެންމެ ކުޅަދާނަކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ރަވީ ފާރޫގާއި އަދި ތަޖުރިބާކާރު އެކްޓްރެސް ޝީލާ ނަޖީބު، ޝަރަފް ޢަބްދުﷲ، އާދަމް ރިޒްވީ، މޫސާ އަލީފް، މައިހާ އާދަމްގެ އިތުރުން މުހައްމަދު ފައިސަލް، މުހައްމަދު ހާފިޒް އަދި ޖޭމް އައްލޯ ފާހަގަކޮށްލެވެއެވެ. މި ފިލްމް ސިނަމާއަށް ގެނައުމަށް ތައްޔާރުވަމުންދަނީ މިއަންނަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް