ސަލަފު އުވާލަން ކުރާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އުތީމު ކައުންސިލުން ގޮވާލައިފި
ޑރ. އަފްޝީމު އަލީގެ މަރާ ގުޅުވައިގެން، ޖަމުއިއްޔަތުއް ސަލަފު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ހއ. އުތީމު ކައުންސިލުން ގޮވައިލައިފިއެވެ.
އުތީމު ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލަފު ޖަމުއިއްޔާއަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކަށް ތަބާވާ ޖަމުއިއްޔާއެއް ކަމަށެވެ.
ނަމަވެސް ޑރ. އަފްރާޝީމުގެ މަރާއި ގުޅިގެން މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައި ނުވާ އަދި އެފަދަ އެއްވެސް ގުޅުމެއްވާކަމަށް ބުނެފައިވެސް ނުވާއިރު، ސީދާކޮށް، އަދި ނުސީދާކޮށްވެސް އެއްވެސް ހެއްކެތް ނެތީސް ކުއްލިއަކަށް އެޖަމުއިއްޔާ އުވާލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ، ގަވައިދާ ހިލާފަށް އެމްޑީއެން މީސް މީޑިއާގެ ވަސީލަތްތަކުން ޑރ. އަފްރާޝީމުގެ މަރުގެ ފުން ތަހުގީގެއް ހިންގައި ފިޔަވަޅު އަޅަން އެދުނުތަނާހެން މާ ލަސްތަކެއް ނުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މަރުކޮމިޝަނުގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެ، ރާއްޖޭގައި އެންމެ ފުޅާކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ސަލަފުގެ މައްޗަށް ތުހުމަތުކޮށް، އެޖަމުއިއްޔަ އުވާލަން ނިންމި ނިންމުމަކީ ކައުންސިލުން ކުށްވެރި ކުރާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
ސަލަފު ޖަމުއިއްޔާއަކީ މެދުމިނުގެ ރިވެތި އަހުލާގު އާލާކޮށް،ނަތީޖާ ނެރެމުން އަންނަ ޖަމުއިއްޔާއެއް ކަމަށް ބަޔާނުގައި ވެއެވެ.
ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ފާސްކޮށްފައެވެ. ދެން އެރިޕޯޓު ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ސަލަފަކީ އުވާލަންޖެހޭ ޕާޓީއެއް ކަމަށް ވިދާޅުވެ، އެ ޖަމުއިއްޔާ އައި ދެކޮޅަށް އަޑުއުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް